ޔޯގާ ދުވަހުގެ ހަމަނުޖެހުން: ޝައިޚް ފަޒްލޫން ދޫކޮށްލި އަމުރުގެ އިސްތިއުނާފުގެ ޝަރީއަތް މާދަމާ

ބައިނަލްްއަގުވާމީ ޔޯގާ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތާއި ގުޅިގެން ހައްޔަރުކުރި ޝައިޚް ފަޒްލޫން މުހައްމަދު ދޫކޮށްލި އަމުރުގެ އިސްތިއުނާފުގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފިއެވެ. މި ޝަރީއ...

14 Sep 2022 | 13:52

ބައިނަލްްއަގުވާމީ ޔޯގާ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތާއި ގުޅިގެން ހައްޔަރުކުރި ޝައިޚް ފަޒްލޫން މުހައްމަދު ދޫކޮށްލި އަމުރުގެ އިސްތިއުނާފުގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފިއެވެ.

މި ޝަރީއަތް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:00 އަށެވެ. މިއީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.

ޝައިޚް ފަޒްލޫން ހައްޔަރުކުރީ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިއަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމާ ގުޅިގެންނެވެ.

ޝައިޚް ފަޒްލޫން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެއިރު އެ ކޯޓުގެ ރަޖިސްޓްރަރ ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމަވައިފައެވެ. އެހެންވެ، ދައުލަތުން ރަޖިސްޓްރަރގެ ނިންމެވުން މުރާޖާ ކުރަން ހުށަހެޅުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އެ މައްސަލަ ބަލައިގަތުމަށް ނިންމަވާފައެވެ.

ޝައިޚް ފަޒްލޫން ދޫކޮށްލީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އޭނާ ހައްޔަރުކޮށް މުއްދަތު އިތުރުކުރި ތިން ފަހަރު ވެސް އެ މައްސަލަ އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް އެހުރިހާ ފަހަރެއްގައި ވެސް ހައިކޯޓުން ނިންމީ ޝައިޚް ފަޒްލޫން ބަންދުކުރީ ރަނގަޅަށް ކަމަށެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން އެކި ދުވަސްމަތިން ފުލުހުން 25 މީހުން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ޝައިހް ފަޒްލޫންއާ އެކު ހަރަކާތުގައި އިސްކޮށް ހުންނެވި ޝައިހް އާދަމް ނިޝާންވެސް ހިމެނެއެވެ. ޔޯގާ މައްސަލައިގައި މިހާރު ބަންދުގައި ހުރީ އެންމެ މީހެކެވެ. އެއީ މ. ކުދެހިގެ، މުހައްމަދު ޝިފާޒް 29އ، އެވެ. އޭނާއަށް ކޯޓުން އެންމެ ފަހުން ދީފައިވަނީ 15 ދުވަހެވެ. އެ މުއްދަތު މިމަހުގެ 20 ވަނަ ދުވަހު ހަމަވާނެއެވެ.

ޝައިޚް ފަޒްލޫން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލު ކުރުމަށް ޕީޖީން ހައިކޯޓުގައި އެދުނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަމުރުފުޅަށް ފުލުހުންގެ އެދުމުގެ މަތީން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް