ޖީއެސްޓީ އާއި އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފިއެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެކްސް ފައިސާ އަދި ބަޔާން ހުށަނާޅާ މީހުންގެ ނަންހާމަކުރާ އުސޫލުގެ ދަށުން، މިދިޔަ އަހަރުގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީއެސްޓީ، ގްރީން ޓެކްސް އަދި ވިތްހޯލްޑިން ޓެކްސް ބަޔާން ހުށަނާޅާ މީހުންނާއި ފައިސާ ނުދައްކާ މީހުންގެ ނަން އަހަރުގެ އެކި މަސްތަކަށް ބަހާލައިގެން ހާމަކުރާނެ ކަމަށެވެ.
މީގެ އިތުރުން ޓެކުހަށް ނުވާ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ވެސް ހާމަކުރާނެ ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަނާޅާ އަދި އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން އަންނަ އޮކްޓޯބަރު މަހު އާންމުކުރާނެ ކަމަށް މީރާއިން ވަނީ ބުނެފައެވެ.
އެހެންވެ، މީރާއިން ވަނީ މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުން ލަސްނުކުރައްވައި ޓެކްސް ދެއްކެވުމަށް ނުވަތަ އެ އޮތޯރިޓީއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް އިލްތިމާސްކޮށްފައެވެ.
ޓެކްސް ދެއްކުމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި އެ އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުމަށް ނުވަތަ ވައިބަރ ނަންބަރު 9821415 އަށް މެސެޖްކުރުމަށް ވެސް މީރާއިން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް