އިންޑިއާގެ ފަރާތުން އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާއަށް ވަޑައިގެންނަވަނީ ރައީސް ޑްރޫޕަޑީ މުރްމޫ ކަމަށް އެ ގައުމުން ހާމަކޮށްފި އެވެ.
ރަނީ އެލިޒަބަތު އަވަހާރަވީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެކަމަނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ19 ވާ ހޯމަ ދުވަހު އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ދަތުރުފުޅުގައި އިންޑިއާގެ ރައީސް ޑްރޫޕަޑީ ފުރާވަޑައިގެންނަވާނީ މިމަހުގެ17 ވަނަ ދުވަހު އެވެ. އަދި ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު19 ވަނަ ދުވަހު އެނބުރި ގައުމަށް ވަޑައިގެންނަވާނެ އެވެ.
އިންޑިއާގެ ފަރާތުން ރާނީ އަވަހާރަވުމުން ރަސްމީކޮށް ވަނީ ތައުޒިޔާ ދަންނަވާފަ އެވެ. ތައުޒިޔާ ކީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު ވަނީ ދިއްލީގައި ހުންނަ އިނގިރޭސި ހައިކޮމިޝަނަށް ވަޑައިގެން އެވެ.
ރާއްޖެއެކޭ އެއްގޮތަށް އިންޑިއާއަކީވެސް ކޮމަންވެލްތުގެ ގައުމެކެވެ. ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިޔާ އަކީ އިނގިރޭސި ރަސްކަމުގައި އިންނަ ބޭފުޅަކަށް ވާތީ ރާނީ ވަނީ އެ މަގާމު70 އަހަރު އަދާ ކުރައްވާފަ އެވެ.
ރާނީގެ ޖަނާޒާގައި ބައެއް ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިނގިރޭސި ޝާހީ ގަނޑުވަރުން ބުނެފައިވެ އެވެ. ބޭރު ގައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އެ ބޭފުޅުންނާ އެކު ވަފުދުތައް ބައިވެރި ނުކުރުމަށް އިނގިރޭސި ޝާހީ އާއިލާއިން ވަނީ އެދިފަ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ، ޖަނާޒާގެ ކަންތައް ކުރިއަށް ދާ ސަރަހައްދުތަކުގެ ޖާގައިގެ ދަތިކަމެވެ.
އިނގިރޭސި ސަރުކާރުން ބުނި ގޮތުގައި ރާނީގެ ޖަނާޒާގައި ގައުމުތަކުގެ ފަރާތުން ބައިވެރިކުރުމަށް ފުރުސަތު ދޭނީ، އެ ގައުމެއްގެ އެންމެ އިސް ވެރިޔަކަށާއި އެ ބޭފުޅެއްގެ އަނބި/ފިރިންނަށެވެ. އެ ފެންވަރުގެ ބޭފުޅަކު ވަޑައިނުގަންނަވާ ނަމަ، އެ ގައުމަކުން ފޮނުވާ މަންދޫބަށް އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް