ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަކީ ކުރިން ވަރަށް ދޮން މީހެއް ކަމަށާއި ކަޅުވީ ޑިމޮކްރަސީއަށް މަސައްކަތްކޮށްކޮށް ކަމަށް ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖާބިރު މިހެން ވިދާޅުވީ މެމްބަރުންގެ އަދަދު އިތުރު ނުކުރުމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގާނޫނު އަސާސީއަށް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.
ޖާބިރު ވިދާޅުވީ މަޖިލީހަށް އޭނާ އިންތިހާބުވިއިރު އެއީ ވަރަށް ދޮން މީހެއް ކަމަށެވެ. އެކަމަކު ޑިމޮކްރަސީއަށް މަސައްކަތް ކޮށްކޮށް ކަޅުވީ ކަމަށާއި ބުރަ މަސައްކަތް ކުރާ މީހުން ކަޅުވާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.
އޭނާ ވަނީ ނުސީދާކޮށް ބުރަ މަސައްކަތް ކޮށްގެން ކަޅުވާ މީހުންގެ ގޮތުގައި މަސްވެރިންގެ މިސާލު ނަންގަވާފަ އެވެ.
އެ އިސްލާހާއި ގުޅޭގޮތުން ޖާބިރު ވިދާޅުވީ މި އިސްލާހު ހުށަހަޅަން ގާސިމް ލަދުގަންނަވަން ޖެހޭނެ ކަމަށެވެ. އެއީ މަޖިލީހަށް ގާސިމް ހާޒިރު ނުވުމަކީ އެ ދާއިރާ މަޖިލީހުގައި ތަމްސީލް ވާނެ ގޮތެއް ނެތުން ކަމަށާއި ހަމައެހެންމެ މެންބަރުންގެ އަދަދު ހިފަހައްޓަން އުޅެނީ އަދަދު ގިނަވުމުން މެންބަރުން ގަންނަން އުނދަގޫ ވާނެތީ ކަމަށްވެސް ވިދާޅުވި އެވެ.
ޖާބިރު ވަނީ މަޖިލީހުގެ ޖަލްސާތަކަށް ގާސިމް އާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވަޑައިނުގެންނަވާ މައްސަލައިގަ ވަރަށް ބޮޑަށް ފާޑުވިދާލުވެފައި އެވެ. އޭނާ ވިދާޅުވީ އެ ބޭފުޅުންގެ އަމަލުތައް ހުރި ގޮތުން މިހާރު މަޖިލީހުގައި އިންނަ ކޮންމެ ދާއިރާއަކަށް އިތުރު ދާއިރާއެއް ހޮވައި170 އަށްވުރެ ގިނަ މެމްބަރުން އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.
އެނޫން ގޮތަކަށް ރައްޔިތުންގެ އަޑު މަޖިލީހުގައި އެ މެމްބަރަކު ވަޑައިނުގެންނަވާ ދުވަހަކު އިއްވެން ނެތް ކަމަށް ވިދާޅުވި އެވެ. ޖާބިރު ވިދާޅުވީ މެމްބަރުންގެ އަދަދު ކޮންޓްރޯލް ކޮށް ނުވަތަ ވަކި އަދަދެއްގައި ބޭއްވުމަށް އޭނާ ތާއީދު ނުކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް