އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދޭއްގެ ހަށިކޮޅު އެ ގައުމުގެ ވެރިރަށް ލަންޑަންގައި ހުންނަ ޝާހީ ގަނޑުވަރު ބަކިން ހަމްޕެލަސްއަށް ގެންގޮސްފި އެވެ.
އެކަމަނާ އަވަހާރަވީ ސިއްހީ ހާލުކޮޅު ގޯސްވެގެން ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގަނޑުވަރު ބެލްމޯރަލް ކާސަލްގަ އޮންނަވަނިކޮށް މިމަހުގެ އަށް ވަނަ ދުވަހު އެވެ. އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅަކީ 96 އަހަރެވެ.
ރެއާ ހަމައަށް ރާނީ އެލިޒަބަތުގެ ހަށިކޮޅު އޮތީ ސްކޮޓްލޭންޑުގައި އެވެ. އެއީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އަދި ބައެއްގެ ގޮތުގައި އޮންނަ ގައުމެކެވެ.
ރާނީގެ ހަށީކޮޅު މިއަދު އެގައުމު ގަޑިން 3:00 ޖެހުމާއި އެކު ގެންދާނީ ވެސްޓްމިންސްޓާ ހޯލަށެވެ. އެއީ އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މައި ހޯލެވެ. އާންމު ރައްޔިތުންނާއި ގައުމުތަކުގެ މަންދޫބުން ރާނީ އަށް އެންމެ ފަހުގެ އިހްތިރާމް އަދާ ކުރުން ކުރިޔަށްދާނީ އެތަނުގައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރާނީއަށް ފަހުގެ އިހްތިރާމް އަދާ ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނީ އެ ހޯލުގައި ކުރިޔަށް ގެންދާ ދީނީ އަޅުކަމަކަށް ފަހު އެވެ.
އިނގިރޭސި ވިލާތުގެ ސަގާފަތާ ބެހޭ ވަޒީރު މިޝޭލް ޑޮނެލަން ވިދާޅުވީ ރާނީއަށް ފަހުގެ އިހުތިރާމް އަދާ ކުރުމަށް އެތައް ހާސް ބަޔަކު އެ ސަރަހައްދަށް އެއްވެފައިވާ ކަމަށެވެ. އަދި މިހާރު ކިޔޫ ހަދާފައިވާ މީހުންގެ އަދަދަށް ބަލާއިރު 24 ގަޑިއިރަށްވުރެ ގިނަ އިރު ކިޔޫގައި ތިބެން ޖެހިދާނެ އެވެ.
އެ މިނިސްޓްރީން ވަނީ އާންމުންނަށް ފަހި އިންތިޒާމްތަކެއް ހަމަޖައްސައި ދިނުމަށް 500 ވަގުތީ ފާހާނާ އެ ސަރަހައްދަށް ގެންގޮސްފަ ކިޔޫ ހަދާފައިވާ ސަރަހައްދުގައި ޓެންޓުތައް ޖަހާފަ އެވެ. އަދި ހާހަކަށްވުރެ ގިނަ ފުލުހުން ނެރެފައިވެ އެވެ.
ރާނީ އެލިޒަބަތުގެ ޖަނާޒާ އޮންނާނީ މިމަހުގެ 19 ވަނަ ދުވަހު މެންދުރު ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް