އަފްގާނިސްތާނުގައި ތޯލިބާނުންގެ ބާރުގެ ދަށަށް ގެންދަން އެންމެ އުނދަގޫވެފައިވާ ޕްރޮވިންސް ކަމަށްވާ ޕަންޖްޝީރުގައި އަދިވެސް ދަނީ ހަނގުރާމަވެރިންނާއި ތޯލިބާނުންނާއި ދެމެދު ހަމަލާތައް ބަދަލު ކުރަމުންނެވެ.
ދެ ފަރާތުން މަޝްވަރާއަށް އެއްބަސްވެފައިވާއިރު ތޯލިބާނުން ވަނީ އެ ޕްރޮވިންސް އެމީހުންގެ އަތް ދަށަށް ގެންދެވިފައިވާކަން މިދިޔަ ހަފްތާގައި އިއުލާނުކޮށްފައި އެވެ. އެކަމަކު އެއީ މުޅިން ހަގީގަތް ނޫންކަން ހާމަވަމުންދާ ބައެއް މައުލޫމާތުތަކުން އެނގެ އެވެ
އެ ޕްރޮވިންސްގައި ބައިނަލްއަގުވާމީ އެއްވެސް ނޫސްވެރިއެއް ހަރަކާތްތެރި ނުވާތީ އަސްލު މަންޒަރު ފެންނަމުން ނުދާއިރު މީޑިއާއަށް ތިލަވާ ބައެއް ހަބަރުތައް ގަބޫލު ކުރަންވެސް ދައްޗެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ޕްރޮވިންސްގެ ހަނގުރާމަވެރިންނާއި ތޯލިބާނުންނާއި ބަދަލު ކުރަމުންދާ ހަމަލާތަކުގައި މިހާތަނަށް އާންމުންގެ 20 މީހަކު މަރުވެފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ކުރެވޭ ކުށެއްގެ ސަބަބުން ތޯލިބާނުން މަރާލި މީހުން ކަމަށް ބުނެފަިއވެ އެވެ.
ޕަންޖްޝީރުގައި ކުޑަ ފިހާރައެއް ހިންގާ އަބްދުއް ސާމީ ހީކޮށްގެން ހުރީ އޭނާ އަކީ އާދައިގެ އާންމު ރައްޔިތަކަށް ވާތީ ތޯލިބާނުން ހަމަލާ ނުދޭނެ ކަމަށެވެ. އޭނާއަށް ތޯލިބާނުންގެ ހަމަލާ އަމާޒުވީ ފިހާރައިގަ ހުއްޓަ އެވެ.
އެވަގުތު ސާމީ ވަނީ އޭނާ އަކީ ހަނގުރާމަ އާއި ގުޅުން ހުރި މީހެއް ނޫން ކަމަށާއި ކުޑަކުޑަ ފިހާރައެއް ހިންގާ މީހެއް ކަމަށް ބުނެ ދޫކޮށްލަން އާދޭސް ކޮށްފަ އެވެ. އެ ސަރަހައްދުގައި އެވަގުތު ހުރި މީހަކު ބުނީ ތޯލިބާނުން ސާމީ ގެންދިއުމަށް ފަހު ހަބަރެއް ނުވާ ކަމަށާއި އަނެއް ދުވަހު މަރުވެފައިވާ ހަށިގަނޑު އޮތީ އޭނާ ގޭ ދޮރުމައްޗަށް އެއްލާލާފަ ކަމަށެވެ.
އަދި ހަށިގަނޑުގެ ތަނުގައި އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހުރި ކަަމަށް އެމީހާ ބުންޏެވެ. މައުލޫމާތު ދިން މީހާ ބުނިގޮތުން ތޯލިބާނުން އޭނާގެ މައްޗަށް ތުހުމަތު ކުރީ އެ ޕްރޮވިންސްގެ ހަނގުރާމަވެރިންނަށް ސިމް ކާޑު ވިއްކާ ކަމަށް ބުނެ އެވެ. އެކަމަކު ސާމީ ދިޔައީ އެގަޑީގައިވެސް އެ ތުހުމަތަށް އިންކާރު ކުރަމުން ކަމަށްވެ އެވެ.
މިފަދަ އެހެން ހާދިސާތައް އަފްގާންގެ އެހެން ސަރަހައްދުތަކުގައިވެސް ހިނގާ ކަމަށްވެ އެވެ. އެކަމަކު އާންމުންނަށް އަނިޔާ ކުރުމާއި ނާއިންސާފުން އަމަލު ކުރާ ކަމަށް ބުނެ ތޯލިބާނުންނަށް ކުރާ ތުހުމަތުތައް އެ ޖަމާއަތުން ދޮގު ކުރެ އެވެ.
ތޯލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވެފައިވަނީ އެފަދަ އެއްވެސް އަމަލެއް ތޯލިބާނުން ނުހިންގާނެ ކަމަށެވެ. ޒަބީހުﷲ ވިދާޅުވީ ބައެއް މީޑިއާތަކާއި ޖަމާއަތްތަކުން މަސައްކަތް ކުރަމުންދަނީ ތޯލިބާނުންނަކީ ގޯސްބައެއްގެ ގޮތުގައި ދައްކަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް