ރާޢީ ވިދާޅުވަނީ ކަންކަން އިސްލާހު ކުރަން އެމްޑީޕީގެ ހޯމް މިނިސްޓަރެއް ބޭނުންވާ ކަމަށް

ކަންކަން އިސްލާހު ކުރަން ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) ގެ ހޯމް މިނިސްޓަރެއް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ އާއި މަކުނުދޫ ދާއިރާ ތަމްސީލް ކުރައްވާ މެމްބަރު މުހައްމަދު ރާއީ ވިދާ...

14 Sep 2021 | 09:56

ކަންކަން އިސްލާހު ކުރަން ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ) ގެ ހޯމް މިނިސްޓަރެއް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ އާއި މަކުނުދޫ ދާއިރާ ތަމްސީލް ކުރައްވާ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ހުޅުމާލޭ ޖަލުގައި ހުރި ގައިދީއަކު ރޭ ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން އާއިލާ އިން ކުރާ ތުހުމަތުތައް ބެލުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ނެވެ.

ރާއީ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މައްސަލަތައް ގޯސްވަމުން ދިޔަ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި މިފަދަ ގިނަ މައްސަލަތައް އިސްލާހު ކުރަން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އެހެންވިޔަސް އިމިގްރޭޝަނާއި ފުލުހުންގެ މުއައްސަސާއާއި، ކަރެކްޝަންސް ފަދަ މުއައްސަސާތައް ވަރުގަދަ ކުރުމާއި ޖަލުތަކުގެ މައްސަލަތައް ހައްލު ކުރަން ބޭނުންވާ ދުވެލި ދައްކުވައިދޭން އެމްޑީޕީގެ ހޯމް މިނިސްޓަރަކު ބޭނުންވާ ކަމަށް ރާއީ ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ދެކެން ބޭނުންވޭ އެމްޑީޕީގެ ހޯމް މިނިސްޓަރަކު ހުންނާނެ ދުވަހެއް." ރާއީ ވިދާޅުވިއެވެ.

މި މަައްސަލައަށް ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ކުއްލި މައްސަލައެއް ހުށަހެޅުއްވީ އެއްވެސް އިޚުލާސްތެރިކަމެއް ހުރެގެން ނޫން ކަމަށެވެ.

އެއީ ސިޔާސީ މަޤުޞަދެއް ހާސިލްކުރަން ހުށަހެޅި މައްސަލައެއް ކަަމަށާއި، ސަރުކާރަށް 3 އަހަރު ވީއިރު ޖަލުގައި ނިޔާވީ އެންމެ ގައިދީއެއް ކަމަށެވެ. އަދި މިދިޔަ ސަރުކާރުގައި 10 ގައިދީއަކު ޖަލުގައި ނިޔާވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ޖަލުގައި 10 ގައިދީން ނިޔާވިއިރު އެ އެންމެންގެ މައްސަލަ މަޖިލީހަށް ހުށަނޭޅުއްވީ ކިއްވެގެންތޯ؟" ޣަފޫރު ސުވާލު ކުރެއްވި އެވެ.

މީގެ އިތުރުން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މައްސަލަ ހުށަހެޅުއްވީ އަނިޔާވެރި ވުމަށް ހިތްވަރު ދެއްވި މެމްބަރެއް ކަމަށެވެ. މަޖިލީހަށް ސިފައިން ވަދެ މެމްބަރުންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހާފައި ދިޔަ މީހުންނަށް އެއިރުގެ ޑިފެންސް މިނިސްޓަރުކަމުގައި ހުންނެވި އާދަމް ޝަރީފް ހިތްވަރު ދެއްވި ކަމަށް ވިދާޅުވި އެވެ.

ސަލީމަށް ރައްދު ދެއްވައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ގާނޫނާ ޚިލާފު ކަމެއް ކުރުމަށް ސިފައިންނަށް އަމުރު ކުރައްވާފައެއް ނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް