ޓެކްނޮލޮޖީ ފަހާ ދުވުމުގެ ބަދަލުގައި ސަރުކާރުގެ އަމާޒަކީ ޓެކްނޮލޮޖީގެ ބޭނުން ހިފާ، ޖަޒީރާ ރާއްޖޭގެ ތަރައްޤީއަށް އިންޤިލާބީ ބަދަލެއް ގެނައުން ކަމަށް ޓެކްނޯލޮޖީ މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް އެން.ސީ.އައި.ޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޓެކްނޯލޮޖީއަކީ ދިރިއުޅުމުގެ ހުރިހާކަމަކާވެސް މިއަދު ގުޅި ލާމެހިފައިވާ އެއްޗެއް ކަމަށެވެ.
"ރާއްޖޭގެ ތަރައްޤީގައި ޒަމާނީ ޓެކްނޮލޮޖީގެ ދައުރު ފުޅާކޮށް ސަރުކާރުން ދެމުންދާ ޚިދުމަތްތައް ޒަމާނާއި އެކަށީގެންވާގޮތަކަށް ރައްޔިތުންނަށް ފަސޭހައިން ލިބޭނެގޮތަށް ބައްޓަންކޮށް ޑިޖިޓަލް އިޤްތިޞާދަކާ ދިމާލަކަށް ގެންދިއުމަށްޓަކާ އެން.ސީ.އައި.ޓީ ގަވަރމަންޓް ޑިޖިޓަލް ސަރވިސްގެގޮތުގައި ޓްރާންސްފޯމްކުރުމަށް ދަނީ މަސައްކަތްކުރަމުން." މިނިސްޓަރ ޝައުނާ ވިދާޅުވި އެވެ.
އެގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ޤައުމީ އިދާރާކަމަށްވާ އެން.ސީ.އައި.ޓީން ވަކި ޚިދުމަތެއްގެ ގޮތުގައި ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި ޑިޖިޓަލައިޒޭޝަންގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި އެކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑުގެ މަސައްކަތް މިއަހަރުގެ ތެރޭގައި މިނިސްޓްރީން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް