އިލެކްޓްރޯނިކް މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދޭ ދިރާސާކުރަން ކޮމިޓީއަށް

ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިލެކްޓްރޯނިކް ޒަރިއްޔާއިން ކުރާ މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދޭން ސަރުކާރުން ހުށަހެޅި ބިލު ދިރާސާކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ފޮ...

14 Sep 2021 | 08:44

ރާއްޖެ އާއި ރާއްޖޭން ބޭރުގައި އިލެކްޓްރޯނިކް ޒަރިއްޔާއިން ކުރާ މުއާމަލާތްތަކަށް ގާނޫނީ ހައިސިއްޔަތު ދޭން ސަރުކާރުން ހުށަހެޅި ބިލު ދިރާސާކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވި އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލުގެ މަގުސަދެއް ކަމަށް ބުނެފައިވަނީ އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމްކޮށް ޓްރަސްޓް ހިދުމަތްތަކުގެ އުސޫލުތައް ކަނޑައެޅުމެވެ.

އެ ބިލުގައި އިލެކްޓްރޯނިކް މުއާމަލާތްތައް ބަޔާންކޮށްފައިވާއިރު، މައުލޫމާތެއް އޮންނަންވާނީ ލިޔުމުންކަމަށް އެއްވެސް ގާނޫނަކުން ލާޒިމުކޮށްފައިވާ ހާލަތެއްގައި، ޑޭޓާ މެސެޖެއްގައިވާ މައުލޫމާތަކީ ފަހުން ބޭނުންކުރުމަށް ވާސިލުވެވޭ މައުލޫމާތެއް ކަމަށްވާ ނަމަ، އެ މައުލޫމާތެއް ލިޔުމުން އޮތުމުގެ ގާނޫނީ ޝަރުތު އެ ޑޭޓާ މެސެޖުގައި ފުރިހަމަވާނެކަމަށް ބުނެފައި ވެ އެވެ.

އެ ބިލު މަޖިލީހަށް މިއަދު ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ބިލު ފަރުމާކޮށްފައިވަނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ޑޭޓާ މެސެޖުތައް ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ގޮތަށެވެ. އެގޮތުން، ހެކީގެ ގޮތުގައި ބަލާނީ ޑޭޓާ މެސެޖެއްގައިވާ މައުލޫމާތަކީ ފަހުން ބޭނުންކުރުމަށް ވާސިލުވެވޭ މައުލޫމާތެއް ކަމަށްވާނަމަ އެވެ. އަދި ޑޭޓާ މެސެޖެއް ބެހެއްޓިފައިވަނީ އެ މެސެޖު ޖެނެރޭޓުކުރެވުނު، ފޮނުވުނު ނުވަތަ ލިބުނުއިރު އޭގައިވާ މައުލޫމާތު ލިބުނުގޮތަކަށް ޔަގީންކަމާއެކު ދައްކުވައިދޭނެ ފޯމެޓެއްގައި ކަމަށްވާންޖެހޭނެ އެވެ.

މީގެ އިތުރުން ޑޭޓާ މެސެޖުގައި ހިމެނޭ މައުލޫމާތު ބެހެއްޓިފައިވަނީ، އެ މެސެޖު ޖެނެރޭޓުކުރެވުނު ތަނާއި ރައްދުވި ތަން އަދި އެ ޑޭޓާ މެސެޖު ފޮނުވުނު ނުވަތަ ރައްދުވި ތާރީހާއި ވަގުތު ދެނަގަނެވޭނެފަދަ ގޮތަކަށް ކަމަށްވާ ޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް