އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ 7 ފެބްރުއަރީ 2012ގައި ބަޢާވާތްކުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހަށް ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވި އެ މައްސަލާގައި ތުހުމަތު ކޮށްފައިވަނީ ނަޝީދު ރައީސްކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ފުލުސް އޮފީހުގެ މައި މަރުކަޒުގައި "ބަޣާވާތް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް" ރައްޔިތުންނަށް އިމްރާން ގޮވާލަމުން ގެންދާ ވީޑިއޯއެއް ޔޫޓިއުބްގައި ދައުރުވަމުންދާ ކަމަށެވެ.
ނަޝީދުގެ ވެރިކަން "ބަޣާވާތަކުން ވައްޓާލުމުގައި" އިމްރާން ބައިވެރިވެފައިވާ މިންވަރު ބަލައި އޭނާއަށް ހައްގު އަދަބު ދިނުމަށް ވެސް ބޮންޑެ ހުށަހެޅުއްވި މައްސަލާގައި ލިޔުއްވާފައިވެއެވެ. އެ ވީޑިއޯ ވެސް ބޮންޑެ އިންތިގާލީ އިންސާފުގެ އޮފީހަށް ވަނީ ޚިއްސާ ކުރައްވައިފައެވެ.
https://youtu.be/nA14QQ6X0B8
އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. ފުރަތަމަ މި ގާނޫނު ހުށައެޅި އިރު އޮތީ 2012 އިން، 2018 ގެ ނިޔަލަށް، ގަނޫނާ ހިލާފަށް މީހުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާތައް ބަލައި، އިންސާފު ހޯދައިނުމެވެ. އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ނޮވެމްބަރު 29، 2020ގައި ގާނޫނު ފާސްކުރީ އެއަށް ވުރެ މާ ފުޅާކޮށް، 65 އަހަރުގެ މުއްދަތެއް ހިމަނައިގެންނެވެ.
މިހާ ފުޅާކޮށް ގާނޫނުން ފުރުސަތު ލިބުމުގެ މާނައަކީ ފުރަތަމަ ރައީސް މުހައްމަދު އަމީނާއި ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް މުހައްމަދު ވަހީދު އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް، ނިޒާމީ ގޮތެއްގައި ރޭވިގެން، އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް މީހަކަށް އަނިޔާއެއް ލިބިފައިވާ ނަމަ އެ އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ ޒިންމާ، އޮމްބަޑްސްމަނުންގެ ބޮލުގައި އެޅުމެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ މި ދެންނެވި އާ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހެކެވެ. އެއީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަދި އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ވެސް އޮތް، އަދި ވަކި ސިއްކައެއް ބޭނުންކުރެވޭނެ މުސްތަގިއްލު ގާނޫނީ ޝަހުސެކެވެ.
އޮމްބަޑްސްޕާސަނުންނަށް 35،000 ރުފިޔާގެ މުސާރައެއް ދޭން ރައްޔިތުންގެ މަޖިލިހުން ވަނީ ފާސްކޮށްފަ އެވެ.
އެ އޮފީހުގެ އެންމެ އިސް ވެރިޔާއަކަށް ވާނެ ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރެއްވީ އަބްދުއްސަލާމް އާރިފް، ނ. މާފަރު، އީޓުޖެހިގެ އެވެ.
އޮމްބަޑްސްޕާސަންގެ މަގާމަށް ހަމަޖެއްސެވީ ޖިހާދާ އަނީސް، ގއ. ކަނޑުހުޅުދޫ، އަދި ބްލޫރޯޒް، އަދި މަރްޔަމް ލައިޒާ، ހ. ފެހިއާލާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް