ބޮލީވުޑާއި އިންޑިއާގެ ޓިވީތަރިންގެ މެދުގައި މިހާރު އެންމެ މަގުބޫލީ ރާއްޖެ އެވެ.
މިއަހަރު ތެރޭގައި ތިން ހަތަރު ފަހަރު ރާއްޖޭގެ އަގުބޮޑު ރިސޯޓުތަކަށް ޗުއްޓީ ހޭދަ ކުރަން އައި ތަރިންވެސް މަދެއް ނޫނެވެ. މިވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުންދާ ރޯހިތު ރޯއީވެސް މިދިޔަ ހަތަރު މަސް ތެރޭގައި ދެ ފަހަރު ރާއްޖެއަށް ޗުއްޓީއަށް އައިސްފަވެ އެވެ.
މިފަހަރުގެ ދަތުރުގައި ރޯހިތާއި އެކު ބައިވެރިވަނީ އަންހެނުން މަނާސި ޖޯޝި ރޯއީ އެވެ. ދަމަފިރިން ޗުއްޓީ ހޭދަ ކުރަމުންދަނީ ވެލައްސަރު އައިލެންޑް ރިސޯޓުގައި އެވެ.
އިންސްޓަގްރާމްގައި ދެމަފިރިންގެ ޗުއްޓީގެ އެންމެ ފަހުގެ ފޮޓޯތައް ބަރާބަރަށް އަޕްލޯޑު ކުރަމުން ގޮސް މީގެ ދެ ދުވަސް ކުރިން ރޯހިތު ލައިފާވާ ފޮޓޯއެއްގައި ހުރީ ހީނާ ހާން އާއި އެކު އެވެ. އަދި ބުނެފައިވަނީ ދުނިޔެއަކީ ކުޑަތަނެއް ކަމަށާއި ދެމީހުން ބައްދަލުވީ ވެލައްސަރުން ކަމަށެވެ.
ހީނާވެސް ދަތުރު ކުރުމަށް ލޯބި ކުރާ މީހުންނަށް ދުނިޔެއަކީ ކުޑަތަނެއް ކަމަށް ބުނެ އެ ފޮޓޯއަށް ކޮމެންޓުކޮށްފަ އެވެ.
https://www.instagram.com/p/CTra8z_ByUK/
އޭގެ ފަހުން އިއްޔެ ވަނީ ރިސޯޓުގައި ހީނާ އާއި އެކު ކުޅެފައިވާ ވީޑިއޯ ލަވައެއް އާންމު ކޮށްފަ އެވެ. ރިސޯޓުގެ އެކި މަންޒަރުތައް ފެންނަ އެ ވީޑިއޯގައި ދެމީހުން ތިބީ ހުދު ހެދުން ލައިގެންނެވެ.
އެ ވީޑިއޯއަށް ރޯހިތުގެ އަންހެނުންވެސް ވަނި ވަރަށް ކަމުދާ ކަމަށް ބުނެ ކޮމެންޓު ކޮށްފަ އެވެ.
https://www.instagram.com/p/CTv71LGBq4B/
ރޯހިތު އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ މާޗްގައި ރިލީޒްކުރި "މުމްބާއީ ސާގާ" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް