ޓްރީޓޮޕް ހޮސްޕިޓަލުން ނަރސިންގ ސްކޮލަރޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ ނަރުހުންގެ ދާއިރާއިން ޚާއްސަ ސްކޮލަރޝިޕް ފުރުޞަތުތަކެއް މިހާރުހުޅުވާލާފައިވާ ކަމަށާއި މި ސްކޮލަރޝިޕްތައް ކުރިއަށްގެންދަނީ ވިލާ ކޮލެޖާ ގުޅިގެން ކަމަށެވެ.
މި ޕްރޮގްރާމަށް އެދުމުގެ ފުރުސަތު 23 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުގެ ހަވީރު 5 ޖެހުމާއި ހަމަައަށް ވަނީ ހުޅޫވާލާފަ އެވެ.
ނަރުހުންގެ ދާއިރާއިން ޑިޕްލޮމާ އަދި އަންޑަރ ގްރެޖުއެޓް ޑިގްރީއާއި ހަމައަށް ކިޔެވުމުގެ ފުރުޞަތު ލިބޭ އިރު، މި ޕްރޮގްރާމް މެދުވެރިކޮށް ވިލާ ކޮލެޖުން ހިންގާ ބީއެސްސީ (އޮނަރސް) ނަރސިންގ (އިންޓަރނޭޝަނަލް) ޓޮޕް-އަޕް، ސެޕްޓެމްބަރ 2021 އިންޓޭކް، ޑިޕްލޮމާ އިން ނާރސިންގ 2021 އިންޓޭކަށް ހުށަހަޅާ ދަރިވަރުން ސްކޮލަރޝިޕަށް ކުރިމަތިލުމުން ޓްރީ ޓޮޕް ހޮސްޕިޓަލުން ސްޕޮންސަރ ކުރުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ބީ.އެސް.ސީ ނަރސިންގ ޕްރޮގްރާމް 2 އަހަރުގެ މުއްދަތަށް ހިންގާ އިރު، ޑިޕްލޮމާ އިން ނަރސިންގ ޕްރޮގްރާމަކީ 3 އަހަރުގެ ޕްރޮގްރާމެކެވެ.
މި ސްކޮލަރޝިޕްތަކަކީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ޙާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް އެކަމަށް މަގުފަހިވެގެންދާނެ ފުރުޞަތެއްކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ހަމައެކަނި ދިވެހިންނަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ކޯހަށް އެދޭ ފަރާތަކީ ވިލާ ކޮލެޖުން އެޑްމިޝަންގެ އެންމެހައި ކަންތައް ފުރިހަމަ ކުރުމަށްފަހު، ކޯހުން ޖާގަ ލިބިފައިވާ ފަރާތެއް ކަމުގައިވާންޖެހެ އެވެ. އަދި އަލަށް ކޯހަށް ވަންނަ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް މި ޕްރޮގްރާމަށް ހުށަހެޅިދާނެކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ކޯހަށް އެދޭ ފަރާތަކީ އެހެން ސްކޮލަރޝިޕެއް ލިބި ތައުލީމު ހޯދަމުންދާ ނުވަތަ ވިލާ ކޮލެޖް ނޫން އެހެން ތަނަކުން ތައުލީމު ހާސިލްކުރަމުންދާ ފަރާތަކަށް ވެގެން ނުވާނެކަމަށް ވެސް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް