ދެ އަހަރު ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމް ކުރަނީ

ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގަވް ޑޮ...

14 Sep 2021 | 06:50

ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތް ތައާރަފު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ގަވް ޑޮޓް އެމްވީ މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކަށް އޮންލައިންކޮށް ހުށަހެޅުންތައް ހުށަހެޅުމާއި، ޚިދުމަތަށް އެދުން އަދި ޝަކުވާ ހުށަހެޅޭ އެވެ.

ރައީސް ވިދާޅުވީ މުޅި ދުނިޔެ ޑިޖިޓަލްވަމުން އަންނައިރު ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީއެއް ގާއިމް ކުރަން ޖެހޭ ކަމަށާއި އޭރުން ހިދުމަތްތައް ހޯދަން ވަރަށް ބޮޑުތަން ފަސޭހަ ވެގެން ދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިކަމަށް މަގުފަހި ކުރުމަށް ދުރާލައި ހައްލެއް ހޯދުމުގެ ގޮތުން، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލެއް މިހާރުވާނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި ކަމަށެވެ.

ކަމާ ގުޅުން ހުރި އިތުރު ބިލްތަކުގެ ތެރޭގައި ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމާޔަތްކޮށްދޭނެ، ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލަކާއި ރާއްޖޭގެ އިންޓަނެޓް ވިއުގައަކީ، ޑިޖިޓަލް ހިދުމަތްތަކަށް ރައްކާތެރި ވެއްޓެއްކަން ކަށަވަރު ކުރުމަށްޓަކައި، ސައިބާ ކްރައިމްގެ ބިލެއް ފަރުމާކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކުރިއަރާފައިވާ ގައުމުތަކައި އަރާ ހަމަކުރަން ބޭނުން ނަމަ ރާއްޖޭގައި ދޭ ޚިދުމަތްތައްވެސް ޑިޖިޓަލްކުރަން ޖެހޭ ކަމަށެވެ.

މިއަދު ތައާރަފް ކުރި "ގޮވް ޑޮޓް އެމްވީ މެސެޖު"ގެ ޚިދުމަތާއި އެކު ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް އާއްމުން ބޭނުންވާ ޚިދުމަތަށް އެދެވުމާއި، ޝަކުވާ ހުށަހެޅުމަށް މަގުފަހިވެގެން ދާނެ އެވެ. މި ހިދުމަތް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތަސް އެދުމުގެ މަގު ފަހިވާއިރު ސަރުކާރާއި މެދު ކުރެވޭ މުއާމަލާތްތައް އަވަސް ވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް