ރޭ ގައިދީ މަރުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފި

ހުޅުމާލޭ ޖަލުގައި ރޭ ގައިދީ އަކު ކުއްލިއަކަށް މަރުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފި އެވެ. މައްސަލަ މަޖިލީހަށް ހުށަހެޅީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ...

14 Sep 2021 | 06:19

ހުޅުމާލޭ ޖަލުގައި ރޭ ގައިދީ އަކު ކުއްލިއަކަށް މަރުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފި އެވެ.

މައްސަލަ މަޖިލީހަށް ހުށަހެޅީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އަސްލަމް ރޭ މަރުވިއިރު، އެކަމުގައި ކަމާބެހޭ އިދާރާތްތަކުގެ އިހުމާލުއޮތް ކަމަށް އޭނާގެ އާއިލާއިން ތުހުމަތުކުރާ ކަމަށެވެ. އެހެންކަމުން އެ ހާދިސާ އިންސާފުވެރިކަމާއެކު ތަހުގީގުކުރުމަށް އެ މައްސަލައިގައި އާދަމް ޝަރީފް ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 24 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލައިގެ ބަހުސްގައި އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން އިންސާނީ ހައްގުތަކާއި އިންސާފު ހޯދައިދޭނެ ބޮޑެތި ވައުދުތައްވެފައިވާ ކަމަށެވެ. އެކަމަކު ގައުމުގެ ކަންކަން މިހާރު ބޮއްސުންލާފައިވާއިރު، މިކަހަލަ ހާދިސާތައް ތަހުގީގުކުރަން އޮންނަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ވެސް ނުކުޅެދިފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

ކަރެކްޝަންސް އިން ބުނީ ރޭ މަރުވީ ތިން އަހަރުގެެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ/ ޖަނަވަރީގެ މުހައްމަދު އަސްލަމެވެ.

އޭނާ އިއްޔެ އިރުއޮއްސި ގާތްގަނޑަކަށް 6:00 އެހާ އިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމާއި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ ރޭ 20:23 ގައި މަރުވެފައިވާ ކަމަށް ވަނީ މައުލޫމާތު ދީފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް