ބަވަނަވަމުންދާ މި ދުނިޔޭގައި، ޚާއްޞަކޮށް އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމަޢުގައި، ކުރިމަތިވެފައިވާ އިޖުތިމާޢީ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ދަރިން ހެޔޮގުގައި ތަރުބިޔަތު ކުރުމުގެ މައްސަލައެވެ. މި މައްސައަކީ މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައިވެސް އިންތިހާއަށް ކަންބޮޑުވުން އޮތް ކަމަކަށް ވަނީ ވެފައެވެ.
އަޅުގަނޑުމެން ދިވެހިންނަކީ މުސްލިމުންނަށް ވުމާއެކު، ދަރިން ތަރުބިޔަތު ކުރުމުގައި އިސްލާމީ ތަރުބިޔަތެއް ދިނުމުގެ މުހިއްމުކަމަކަށް ވެފައިވާއިރު، ދަރިފުޅުގެ ޢަޤީދާ ވަރުގަދަކޮށް، ރަނގަޅު ވަގުތުގައި ކުއްޖާއަށް މަގުދައްކައި ދެވިގެން ނޫނީ، ފުރިހަމަ ތަރުބިޔަތެއް ނުދެވޭނެއެވެ.
މިހާރަކަށް އައިސް ބޮޑުވަމުން އަންނަ ކުދިންނާއި ޒުވާނުންގެ އަޚްލާޤީ ފެންވަރު ދަށްވަމުންދާކަމީ، އަޅުގަނޑުމެންކުރެ ހަމަ ކޮންމެ މީހަކަށްވެސް އިޙްސާސްކުރެވޭ ކަމެކެވެ. ޝައްކެއްނެތްގޮތުގައި މިއީ އަޅުގަނޑުމެން އެންމެންވެސް ވަރަށް ކަންބޮޑުވާ ކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެވެސް އެންމެ ބޮޑު ޝަކުވައަކީ މިހާރަކަށް އައިސް ބޮޑެތި ވަމުންއަންނަ ގިނަކުދިން މުޖްތަމަޢުގެ އަދަބުތަކުގައި ނުހިފަހަށްޓާ ވާހަކައެވެ. މައިންބަފައިންނަށް ކަމޭ ނުހިތާވާހަކައެވެ. މުދައްރިސުންނަށް އިޙްތިރާމް ނުކުރާވާހަކައެވެ. އަމުރުވެރިންނަށް ކިޔަމަން ނުވާވާހަކައެވެ. ބޮޑެތި މީހުންނަށް އިޙްތިރާމް ނުކުރާވާހަކައެެވެ. އަވަށްޓެރިންނަށް އިޙްތިރާމް ނުކުރާވާހަކައެވެ. ކުޑަކުދިންނަށް އޯގާތެރިނުވާ ވާހަކައެވެ. މަގުމަތީގެ އަދަބުތަކުގައި ނުހިފެހެއްޓާ ވާހަކައެވެ.
މީގެއިތުރުން، މަސްތުވާތަކެތި ބޭނުންކުރުމާއި، ވައްކަންކުރުމާއި، މީހުންނަށް އަނިކުރުމާއި، މާރާމާރީ ހިންގުމާއި، ބަދުއަޚްލާޤީ ޢަމަލުތައް ހިންގުންފަދަ ކަންތައްތައް ދަނީ، ދުވަހުން ދުވަހަށް އިތުރުވެ ޢާއްމުވަމުންނެވެ. މިފަދަކަންތައް މިވަނީ އަތްނުފޯރާ ފަށަށް ގޮސްފައެވެ.
ޝައްކެއްނެތް ވެސް ގޮތުގައި، ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ކުށެއްނެތް މަޢުސޫމު ކުއްޖެއްގެ ގޮތުގައިއެވެ. އެއަށްފަހު، އެކުއްޖަކު އެކިގޮތްގޮތަށް ބައްޓަންވެގެންދަނީ އެކުއްޖަކު ގެންގުޅެވޭ ގޮތަކުންނެވެ. އެކުއްޖަކަށް ދެވޭ ތަރުބިޔަތަކުންނެވެ. އެކުއްޖަކަށް ފޯރުކޮށްދެވޭ މަޢުލޫމާތަކުންނެވެ. އެކުއްޖަކު ދިރިއުޅޭ މާޙައުލެއްގެ ސަބަބުންނެވެ. މިއީ ހައްތާވެސް ކުދިންގެ އުޅުމާއި އަޚްލާޤާއި ސުލޫކަށް ބަދަލުތައް އަންނަ ވަސީލަތްތަކުގެތެރޭގައި ހިމަނޭ ކަންތައްތަކެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘުކުރައްވާފައިވޭ "كُلُّ مَوْلُودٍ يُولَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ" [اَلْبُخَارِيْ وَمُسْلِمٌ] މާނައީ "ކޮންމެ ކުއްޔަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އެއަށްފަހު އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞްރާނީއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޔާގެ މައިންބަފައިންނެވެ.
އާދެ! މިޙަދީޘުން ދޭހަވާ ގޮތުގައި ކުދިންގެ އުޅުމަށާއި އަޚްލާޤަށް ބަދަލުތައް އަންނަ ކަންތައްތަކުގެ ތެރޭގައި އެކުއްޖަކު ގެންގުޅޭ ގޮތަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ. މީގެ އިތުރުންވެސް ކުދިންގެ އުޅުމަށް ބަދަލުތައް އަންނަކަންތައްތަކުގެ ތެރޭގައި، ކުދިން ގެންގުޅެވޭ މާހައުލާއި އުނގަންނައި ދެވޭ ދިނުމާއި މިބާވަތު އެތައްކަމެއް ހިމެނިގެންވެއެވެ.
މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ނޫރުލް އިސްލާމްއިން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް