ކުރާ މަސައްކަތުގައި އިޚްލާސްތެރި ވުން،

އޮފީސްތަކާއި ކުންފުނިތަކުގައި މުވައްޒަފުން ފަރުވާތެރިކަމާއި ހިތްވަރާއެކު ކުރާ މަސައްކަތް ބަރާބަރަށް ކުރިޔަސް އެކަން ބަލައިގަންނަ މީހަކު ނުވަތަ ވެރިޔަކު ނުހުންނަކަމަށް ގިނަ ބަޔަކު ބުނެއެވެ. މުވައްޒަފު ...

13 Sep 2021 | 19:40

އޮފީސްތަކާއި ކުންފުނިތަކުގައި މުވައްޒަފުން ފަރުވާތެރިކަމާއި ހިތްވަރާއެކު ކުރާ މަސައްކަތް ބަރާބަރަށް ކުރިޔަސް އެކަން ބަލައިގަންނަ މީހަކު ނުވަތަ ވެރިޔަކު ނުހުންނަކަމަށް ގިނަ ބަޔަކު ބުނެއެވެ. މުވައްޒަފު މީހާ އޭނާ އޮފީހުގައި ކުރަން ޖެހޭ މަސައްކަތްތައް ބަރާބަރަށް ގަޑިންގަޑިއަށް ކޮށް ނިންމި ނަމަވެސް އަނެއްބައި މުވައްޒަފުން އެމީހުންގެ މަސައްކަތްތައް ބަރާބަރަށް ނުނިންމާ ވާހަކަޔާއި މަސައްކަތައް ކެރަވަޅު ޖައްސާ ކަމުގެ ޝަކުވާވެސް ގިނައެވެ. މިފަދަ މީހުންނަށް ހީވެފައި އޮންނަނީ ތިމާ އޮފީހުގައި ކުރަން ޖެހޭ މަސައްކަތްތަކަކީ ވަކި މީހަކަށް ކޮށްދޭ ކަމެއްގެ ގޮތުގައެވެ.

ނަތީޖާއެއްގެ ގޮތުން އެފަދަ މީހުންވެސް އޮފީހުގެ އެހެން މީހުންނަށް ޖެއްސުމަށް ވަޒީފާގައި އަދާކުރަން ޖެހޭ ވާޖިބުތަކަށް ފަރުވާ ކުޑަކުރަން ފަށައެވެ. އޮފީހުގައި ތިމާއާއި ހަވާލުވެފައި ހުންނަ މަސައްކަތް ތައް ނިމުނަސް ނުނިމުނަސް ބަލަނީ އޮފީހުގައި ހޭދަކުރަން ކަނޑައެޅިފައިވާ ވަގުތުތައް އެގޮތް މިގޮތަށް ފުރާލާ އަވަހަށް ގެއަށް ދެވޭތޯއެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. ތިމާ އަދާކުރާ ވަޒީފާގައި ތިމާއާއި ހަވާލު ކުރެވިފައިވާ ހުންނަ މަސައްކަތްތަކަށް އިޚުލާސްތެރިވެ އެ މައްސައްކަތްތައްް ބަރާބަރަށް ނިންމުމުން އެކަމުގެ މަންފާ ކުރާނީ ހަމަ ތިބާއަށެވެ.

ތިމާ އަދާކުރާ ވަޒީފާއަށް އިޚްލާޞްތެރިވެ، ބަރާބަރަށް މަސައްކަތްކުރުމުން، ނިކުންނަ ނަތީޖާ ރަނގަޅުވުމާއި ވަޒީފާ އަދާކުރާ އޮފީހަށް އެކަމުގެ ފައިދާކުރުމަކީ ތިމާއާ ޙަވާލުވެފައިވާ މަސައްކަތް ރަނގަޅަށް ކުރެވުނުކަމުގެ ފޮނިކަމާއި މީރުކަން ޚުދު ތިމާއަށް އިޙްސާސްވާނެކަމެކެވެ.

ކޮންމެ މީހަކުވެސް ވަޒީފާއަދާކުރަނީ ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާނެ ފައިސާ ހޯދުމަށެވެ. އެހެން ކަމުން މަސައްކަތަކީ، ތިމާއަށް ދިރިއުޅުމުގެ މަޤްޞަދު ޙާޞިލްވުމެވެ. މަސައްކަތްކޮށްދެނީ، އަމިއްލަ ކުންފުންޏަކަށް ކަމަށް ވިޔަސް، ސަރުކާރަށް ކަމަށްވިޔަސް، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު، އެ މަސައްކަތްކުރުމުން ނަތީޖާ ރަނގަޅުވެއެވެ. ތިމާއަށް ހިތްހަމަޖެހުން ލިބެއެވެ. މާތްރަސްކަލާނގެ ދެއްވާ ރިޒުޤުން ހިތްހަމަޖެހުން ލިބެނީ، އެ ރިޒުޤު ހެޔޮގޮތުގައި ހޯދުމުންނެވެ.

ރަނގަޅަށް ކުރެވޭ މަސައްކަތުން ހިތްހަމަޖެހުން ލިބެނީ، ތިމާއަށް ވެސް ކަންކަން ކޮށް، ނިންމުމުގެ ޤާބިލްކަމާއި ކުޅަދާނަކަން ލިބިފައިވާކަން އެނގުމުންނެވެ. ކުރާ މަސައްކަތް ފުރިހަމައަށް ކުރުމުން، އެ ކޮށްދެވެނީ، ހަމެކަނި ވަޒީފާއަދާކޮށްދޭ މިހާއަށް ކޮށްދޭ ހެޔޮކަމެއް ނޫނެވެ. ތިމާގެ އަމިއްލަ ނަފުސުގެ ހިތްހަމަޖެހުމަށް ވެސް އެކަމުން އެހީވެއެވެ. އެހެންވީމާ، ރަނގަޅުގޮތަކީ، ކުރަންޖެހިފައިވާ ކަންތައްތައް ރަނގަޅަށް ކުރުމެވެ. ފަރުވާ ކުޑަކޮށްލުމެއް ނޫނެވެ. ޙަވާލުކުރެވޭ މަސައްކަތް ބަރާބަރަށް ކުރުމަކީ، އެހެން މީހުންގެ ޤަދަރާއި އިޙްތިރާމް ތިމާއަށް ލިބޭނެ ކަމެކެވެ. ވަގުތު ބޭކާރުނުކޮށް އަދި ކުރަންޖެހިފައިވާ ކަންތައްތައް، ފަރުވާތެރިކަމާއި އެކު ކުރުމަށްވުރެ، މޮޅު ގޮތެއް، ރަނގަޅު ގޮތެއް ނޯންނާނެއެވެ.

އަހުރެމެންގެ ޙަޔާތް މާނަހުރި އެއްޗަކަށް ވާނީ ތިބާ އިޚްލާސްތެރި ކަމާއި އެކު ކުރާ މަސައްކަތުންނެވެ. ޙަޔާތުގައި ރަނގަޅު ގޮތްތައް މެދުވެރިވަނީ، ހެޔޮ ނިޔަތުގައި ރަނގަޅަށް ކަންތައްތައް ކުރާ މީހުންނަށެވެ. ޙަވާލުވެފައިވާ މަސައްކަތް އިޚްލާޞްތެރިކަމާއެކު ކުރާހިތުން ކުރުމުން، އެ ކުރެވޭ ކަމަކީ، ތިމާއަކީ، ދިރިހުރި، ދިރިއުޅުމުން އުފައުވެރިކަން ހޯދާ، ފުދިފައިވާ މީހަކަށް ހެދުމެވެ.

ރަނގަޅަށް މަސައްކަތްކުރެވުނު ދުވަހަކު އިޙްސާސްވާ އިޙްސާސްވުމާއި އެހައި ރަނގަޅަށް މަސައްކަތް ނުކުރެވި ވަގުތު ބޭކާރު ކުރެވުނު ދުވަހެއްގެ އިޙްސާސް ތަފާތުވަނީ އެހެންވެގެންނެވެ. ކަންކަމު އަންނަ މީހުންނަށް ރަނގަޅަށް، ފުރިހަމައަށް، އޭނާ ބޭނުންވާ ކަންތައްތައް ކޮށްދިނުމުން ހިތްހަމަޖެހުން ލިބެއެވެ. އެފަދަ މީހުންނާމެދު އެހައި ރަނގަޅަށް ކަންތައްތައް ނުކޮށްދެވުމުގެ ސަބަބުން ހިތަށް އުނދަގޫ ވެއެވެ.

ތިމާގެ ވާޖިބާއި މަސްއޫލިއްޔަތު، އިޚްލާޞްތެރިކަމާއެކު އަދާކުރާ ކޮންމެ  ދުވަހަކީ، އިނާމުތަކެއް ލިބޭ ދުވަހަކަށް ނުވާނެއެވެ. އެހެންނަމަވެސް އެ ދުވަހު، އިޙްސާސްކުރަން ލިބޭ އުފަލާއި ހިތްހަމަޖެހުމަކީ، ދިރިއުޅުމުގެ މަޤްޞަދު ފުރިހަމަކުރެވޭތީ، ލިބޭ އުފަލަކާއި ހިތްހަމަޖެހުމެކެވެ. ވިސްނާ ފިކުރު ކުރާށެވެ. އެކަން އެ މިންވަރުކުރައްވަނީ، ތިބާގެ ވެރި ރައްބު ﷲ އެވެ.

ވީމާ އަދާކުރާ ވަޒީފާއަށް ފަރުވާ ކުޑަ ނުކުރާށެވެ. ތިމާގެ ވާޖިބު އެންމެ ފުރިހަމައަށް އަދާ ކުރެވޭތޯ ބަލާށެވެ. ކާމިޔާބީ އަކީ އެއީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް