އެހެން މީހުންގެ ކުށްތައް ހޯދައި އެމީހުންގެ ވާހަކަ ދެއްކުމަށްވުރެ ތިމާގެ އަމިއްލަ ނަފްސުގައި ހުރި ކުށްތައް ހޯދައި ބެލުން މާ ހެޔޮކަން ބޮޑުކަމަށް އައްޝައިޚް މުޙައްމަދު ޝަމްޢޫން ވިދާޅުވެއްޖެ އެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ސްޓޫޑިއޯ އިން ރޭ ލައިވްކޮށް ގެނެސްދިން 'އޮނަތިރީސްމިނެޓް' ގެ 46 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޙައްމަދު ޝަމްޢޫނު ވިދާޅުވީ ކޮންމެ މީހަކުވެސް ތިމާ މީހާއަށްވެސް ކުށެއް ކުރެވިދާނެކަން އަމިއްލައަށް ޤަބޫލު ކުރަންޖެހޭކަމަށާއި ކުށް ނުކުރެވޭ މީހެއްކަމަށް ނުވަތަ ތިމާ ކުރާ ކުށްތައް އެއީ އެއްވެސް އެއްޗެއް ނޫންކަމަށް ތިމާއަށް ޤަބޫލު ކުރެވުމަކީ އަމިއްލައަށް ބޮޑާވެގަތުންކަމަށެވެ.
"ދީނީ ފޭރާމުގައި ތިބޭ ބައެއް ކުދިން އެކުދިންގެ ދީނީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ބައެއް މުސްލިމުންނާ މިއަދު އެމީހުން ސަލާމްވެސް ނުކުރޭ. އެކުދިންނަށް ހީވާކަހަލަ އެކުދިންނަށް އެއްވެސް ކުށެއް ނުކުރެވޭނޭ. ޢާއްމު މުސްލިމުންނަށް ކިރިޔާވެސް ކުށެއް ކުރެވިއްޖެއްޔާ އެކަން ވަރަށްބޮޑުކޮށްލާނެ. ނަމަވެސް ތިމާމެންނަށް ކިތަންމެ ބޮޑު ކުށެއް ކުރެވުނަސް އެއީ އެއްވެސް ކަމެއްކަމަކަށް ނުދެކޭ. އަދި މިކުދިންގެ ނަޒަރުގައި އެހެނިހެން މުސްލިމުންނަކީ މާ ދަށް ބައެއްގެގޮތުގައި ދެކި ތިމާމެންނަކީ މާމަތީ ބައެއްކަމަށް ދެކި ވަރަށްބޮޑަށް ބޮޑާވެ ކިބުރުވެރިވާ މަންޒަރު ފެނިގެން މިދަނީ. ހަގީގަތުގައި މިއީ ވަރަށްބޮޑު މަގުފުރެދުމެއް. އުއްމަތުގެ ސަލަފުއްޞާލިޙުން ދެއްކެވި މަގާއި މުޅިން ޚިލާފު ގޮތެއް މިއީ" ޝައިޚް ޝަމްޢޫނު ވިދާޅުވިއެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކޮންމެ ބުދަ ދުވަހެއްގެ ރޭ ލައިވްކޮށް ގެނެސްދޭ 'އޮނަތިރީސްމިނެޓް' ޕްރޮގްރާމުގައި 'ބޮޑާވެނުގަންނާށެވެ' މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ޝައިޚް ޝަމްޢޫން ވިދާޅުވީ ކިބުރުވެރިވެ ބޮޑާވެރިވާނަމަ ޙައްޤުގެ މަގު އެމީހަކަށް ބަންދުވެގެންދާނެ ކަމަށާއި ވަރަށްގިނަ ކުދިން އެހެނިހެން މުސްލިމުންގެ މައްޗަށް ފާޑުފާޑުގެ ޙުކުމްތައް ޖަހާފަ ދުވަސްކޮޅަކުން މިކުދިންގެ އުޅުމަށް
ނުބައި އަސަރުތައްކޮށް އެންމެފަހުން މުޅި ދީނުންވެސް ހަށިފޮޅާލާ މަންޒަރު ވަރަށްގިނައިން ފެންނަމުންދާކަމަށެވެ.
"އަޅުގަނޑުމެންނަކީ ސުވަރުގެއަށް ދާން ބޭނުންވާ ބައެއްކަމުގައި ވާނަމަ އަޅުގަނޑުމެން އެބަޖެހޭ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަދި އެކަލާނގެ ލޯބިވެވޮޑިގަތުން ޙާސިލް ވެގެންވާ ބައެއްކަމުގައި ވާން މަސައްކަތް ކުރަން. އަދި އަޅުގަނޑުމެން އެންމެންނަކީވެސް ﷲ އަށްޓަކައި ތަވާޟުޢުވެރިވެ އެކަކުއަނެކަކަށް އޯގާތެރިވެ ހެޔޮކަންތައްތަކުގަ އެކަކު އަނެކަށް އެހީތެރިވާ ބައެއްކަމުގައި ވާންޖެހޭ" ޝައިޚްގެ ވާހަކަފުޅު ނިންމާލައްވަމުން ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް