ޖަލުގައި ހުރި މައްސަލަތައް ބަޔާންކޮށް ފަޔާޒުގެ ސިޓީއެއް ޕީޖީއަށް

މާފުށީ ޖަލު ހިންގަމުންދަނީ ގާނޫނާ ގަވައިދާ ހިލާފަށް އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާ ހިލާފަށް ކަމަށް ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕ...

14 Sep 2017 | 06:59

މާފުށީ ޖަލު ހިންގަމުންދަނީ ގާނޫނާ ގަވައިދާ ހިލާފަށް އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާ ހިލާފަށް ކަމަށް ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) ވިދާޅުވެއްޖެ އެވެ.

އޭނާ ޖަލަށް ލާފައިވަނީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި ގުޅިގެން ހެކި ނައްތާލަން މަސައްކަތް ކުރި ކަމުގެ ކުށް ސާބިތުވެގެން ދެ އަހަރަށެވެ. ފަޔާޒު މިހެން ވިދާޅުވީ ޖަލުގެ ހާލަތު ބަޔާންކޮށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިސާމްއަށް ފޮނުވި ސިޓީއެއްގައި އެވެ.

އެ ސިޓީގައި ފަޔާޒު ވިދާޅުވެފައިވަނީ ގައިދީންނަށް ޖަލުގައި ލިބެންޖެހޭ އަސާސީ ހައްގުތައް ނުލިބި، އެ ހިދުމަތްތަކުން މަހުރޫމްކޮށްފައިވާ ކަމަށެވެ. އަދި އޭނާ އާއި އެހެން ގައިދީންގެ މެދުގައިވެސް ބޮޑެތި ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށެވެ.

އޭނާއަށް ތަފާތު ކުރުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ކަރަންޓު ނެތް ގޮޅިއެއްގައި ބެހެއްޓުމުން ފަންކާއާއި ޓީވީ، އަދި ރޭޑިއޯގެ ހިދުމަތުން މަހުރޫމްވެފައިވާކަމަށް ބުނެފައިވެ އެވެ. އަދި އެންމެ ނުރައްކާތެރި ކުށްވެރިން ތިބި ޔުނިޓެއްގައި ފަޔާޒު އާއި ދައުލަތުގެ އިސްވެރިންތަކެއްގެ އިތުރުން ފަނޑިޔާރަކު ގެންގުޅުނުކަން ފާހަގަކޮށްފައިވެ އެވެ.

ފަޔާޒް ވިދާޅުވި ގޮތުގައި އޭނާ ބަންދުކޮށްފައިވާ ގޮޅީގައި 52 ކެމެރާ ހަރުކޮށްފައިވެ އެވެ. ކެމެރާ ހުރި ގޮޅިތަކުގައި އާންމު ގައިދީން ގެންގުޅުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެންޓި ޓޯޗާ ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ސުންނަތް ރޯދަ ވެސް ނުހިފޭ ކަމަށާއި ރޭގަނޑު ދިހައެއްގެ ފަހުން ގުރުއާން ކިޔެވޭ ވަރުގެ އަލިކަމެއް ގޮޅީގައި ނުހުންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބި ދިގުލައިގެންދާ މައްސަލައިގައި ފަޔާޒް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި އާއިލީ ބައްދަލުވުމާއި އާއިލާ އަށް ފޯނު ކުރުމުން މަހްރޫމް ކޮށްފައިވަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނާ މުޅިން ހިލާފަށް ކަމަށް ވެސް ފަޔާޒް ވިދާޅުވި އެވެ.

ޖަލުތަކާއި ޕެރޯލް ގާނޫނުގައި ކުށްތަކުގެ ތަފްސީލާއި ޑިސިޕްލިނަރީ ނިޒާމު ހިނގާނެ ގޮތާއި އަދަބުތަކުގެ ކޮޕީއެއް ގައިދީންނަށް ފެންނަ ތަނެއްގައި ބަހައްޓަން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު ތަކުރާރުކޮށް އެދުމުން އޭގެ ކޮޕީއެއް ލިބިފައި ނުވާ ކަމަށެވެ.

ފަޔާޒުގެ ސިޓީ ޕީޖީއަށް ފޮނުވީ ޖަލުގައި ހިނގާ މިފަދަ ކަންކަން ބަލައި ޖިނާއީ ތަހުގީގެއް ޕީޖީ ކުރަން ޖެހޭ ކަމަށް ފެންނާތީ އެވެ.

ކުރިން ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕާއި ބަޑި ގުދަނުގެ ވެރިޔާގެ މަގާމުގައި ހުންނެވި ފަޔާޒު ޖަލަށް ލާން ހުކުމް ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 18 ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް