ފޮޓޯތަކަށް ބަލައިލުމުން ހިތް ފަޅައިގެން ދާހާވެ އެވެ. ކުޑަ ކުދިން، އެކުދިންގެ ކޮނޑަށް އެކުދިންގެ ކޮއްކޮ ލައިގެން ޗަކަގަނޑުގެ ތެރެއިން ހިނގާފައިދާ މަންޒަރު ދައްކުވައިދޭ އެތައް ފޮޓޯއެއް އެވަނީ ދައުރުވެފައެވެ. އެނގޭހެއްޔެވެ. މިޔަންމާގައި ރޮހިންޖާ މުސްލިމުންނަށް ދޭން ފެށި އަނިޔާއަށް ކެތް ނުކުރެވިގެން މިހާތަނަށް ގާތްގަނޑަކަށް ހަތަރު ލައްކަ މީހުން ބަންގްލަދޭޝް އަށް ގޮސްފައިވާއިރު އޭގެ ތެރޭގައި ކުޑަކުދީން އިންތިހާއަށް ގިނަ އެވެ. އަދި ފާހަގަކޮށްލަން ޖެހޭ ކަމަކީ ގިނަ ކުޑަކުދިން ދަތުރު ކުރީ އެކަނި ކަމެވެ. ނަފް ކޯރު ހުރަސް ކުރުމަށްފަހު ބަންގްލަދޭޝް ބޯޑަރާއި ހަމައަށް ގިރާކުރަންޖެހޭ ޗަސް ބިން ގިރާ ކުރީ އެކަނި ކަމެވެ. އާއިލާގެ މެމްބަރުން ވީނުވީއެއް ނޭނގޭ ހާލުގަ އެވެ. އެ ޗަސް ބިން ހުރަސްކުރަންވެސް 11 ގަޑިއިރު ނަގާކަމަށް ވެ އެވެ.
ބަންގްލަދޭޝް އަށް ދިޔަ އެއް ގްރޫޕާއެކު އުމުރުން 10 އަހަރުގެ ކުއްޖަކު ދަތުރު ކުރި އެވެ. ދަތުރުގެ ބައިވެރިންގެ ތެރެއިން އެކަކު އެ ކުއްޖާގެ ގާތު އެ ކުއްޖާގެ ބެލެނިވެރިން ކޮބައިތޯ އެހި އެވެ. އެ ކުއްޖާ ބުނީ "ނޭނގެ" ކަމަށެވެ. ދަތުރުގެ ބައިވެރިންގެ ތެރެއިން އަންހެނަކު އެ ކުއްޖާއާއި ހަވާލުވި އެވެ. އަދި ތިއީ މިއަދުން ފެށިގެން އަހަރެންގެ "ދަރިއެއް" ކަމުގައި ބުންޏެވެ.
މިއީ މިފަދަ އެންމެ ކުއްޖެއްގެ ވާހަކަ އެވެ.
އދ ގެ ކުޑަކުދިންގެ ހައްގުތަކާއިބެހޭ ޖަމިއްޔާ ޔުނިސެފުން ހާމަކޮށްފައިވާގޮތުގައި 1100 އަށްވުރެ ގިނަ ކުޑަކުދިން ބަންގްލަދޭޝް އަށް އައިސްފައިވަނީ އާއިލާގެ މެމްބަރަކު ވީނުވީއެއް ނޭނގޭ ހާލުގައި އެކަންޏެވެ. މި ކުދިންނަކީ ހިއުމަން ޓްރެފިކިން އާއި ޖިންސީ ގޯނާ ލިބުމުގެ ބިރު އޮތް ކުދިންކަން ޔުނިސެފުން ފާހަގަ ކުރެ އެވެ.
މީގެ ތެރެއިން ގިނަ ކުދިންނަކީ އެ ކުދިންގެ ކުރިމަތީގައި އާއިލާ މެމްބަރުން މަރުވެ ދިޔަތަން ފެނިފައިވާ ކުދިންކަން ފާހަގަ ކޮށްލެވެ އެވެ. އަނެއްބައި ކުދިންނަކީ އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށް އަމިއްލައަށް ފިލައިގެން އައި ކުދިންކަން ފާހަގަ ކޮށްލެވެ އެވެ. ބައެއް ކުދިންގެ ގައިގާ އުންޑައިގެ ނިޝާންވެސް ފެންނާން ހުރިކަން ފާހަގަކޮށްފައި ވެ އެވެ.
ޔުނިސެފުން ހާމަކޮށްފައިވާގޮތުގައި ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބަންގްލަދޭޝްއަށް ދިޔަ އެއް ލައްކަ މީހުންގެ ތެރޭގައި 60 އިންސައްތަ އަކީ ކުޑަކުދިންނެވެ.
މި ކުޑަކުދިން އައުރަ ނިވާ ނުކުރެވޭ ހާލު ކޭމްޕްތަކުގައި ކައިރީގައި އުޅޭއިރު، އަދި ޗަސް ބިމާއި އެކުވެފައިވާ ފެނާއި މިކުދިން ކުޅެން ތިބޭއިރު މިކަންކަމަކީ ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމެއްކަން އެހީދޭ ޖަމިއްޔާތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.
"އެންމެ ފުރަތަމަ އެކުދިން ވާހަކަވެސް ނުދައްކާނެ، ނުވެސް ކާނެ، ހަމަ މަޑުން އިށީނދެ ތިބޭނީ" ކުޑަކުދިންނަށް ހާއްސަ ޕްލޭ އޭރިޔާތަކެއް ތައްޔާރު ކުރުމުގައި އުޅުނު މީހަކު ބުނެފައި ވެ އެވެ.
ކޭމްޕްތައް ހިމެނޭ ސަރަހައްދުތަކުގައި ކުޑަކުދިންނަށް ހާއްސަ 41 ސޭފްޒޯން ހަދާފައިވާއިރު އެ ކުދިންނަށް އެކިކަހަލަ ކުޅިވަރު ކުޅެވޭނެ އިންތިޒާމާއި ކުރަހާ ކުލަޖައްސާނެ އިންތިޒާމު ފަދަ އިންތިޒާމުތައް ހަމަޖައްސާފައި ވެ އެވެ.
އެކަނި ބަންގްލަދޭޝް އަށް ދިޔަ ކުދިންގެ ތެރެއިން އެއް ކުއްޖަކީ އުމުރުން 12 އަހަރުގެ މުހައްމަދު ރާމިޒް އެވެ. އޭނާ ބަންގްލަދޭޝް އަށް އައީ އެހެންމީހުންވެސް "އަންނާތީ" އެމީހުންގެ ފަހަތުން ހިނގާފަ އެވެ.
"ކޯރުގެ އެފަރާތުގައި އެތައް އަނިޔާއެއް އަންނަނީ ދެމުން. އަހަރެން ދަތުރު ކުރިއިރު ކެއީ ގަސްގަހުގެ ފަތް، އަދި ކޯރުން ފެންވެސް ބުއިން" ރާމިޒް ބުނެފައި އެވެ.
ޔުނިސެފުން ހާމަކޮށްފައިވާގޮތުގައި މި ކުދީން ތިބީ ބޮޑު ނުރައްކަލެއްގެ ތެރޭގަ އެވެ. ހިއުމަން ޓްރެފިކިންގެ ބިރު އެބަ އޮތެވެ. ޖިންސީ އަނިޔާ ލިބުމުގެ ބިރު އެބަ އޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް