މަމެން މި ގެނެސްދެނީ ތަމެންނަށް ކަމުދިޔަ އައިފޯނު އެކްސްގެ ހުރިހާ މައުލޫމާތެއް !

އެޕަލްގެ އިވެންޓުން ރޭ ގިނަބަޔަކު އާޝޯހުކޮށްލީ އެޕަލް އައިފޯނު އެކްސް އެވެ. ސަބަބުތައް ބައިވަރެވެ. މި އާޓިކަލްގައި މި ގެނެސްދެނީ އެޕަލް އިން ރޭ ދައްކައިލި އައިފޯނު އެކްސް އާއި ބެހޭ މައުލޫމާތުތަކާއި ހި...

13 Sep 2017 | 21:24

އެޕަލްގެ އިވެންޓުން ރޭ ގިނަބަޔަކު އާޝޯހުކޮށްލީ އެޕަލް އައިފޯނު އެކްސް އެވެ. ސަބަބުތައް ބައިވަރެވެ. މި އާޓިކަލްގައި މި ގެނެސްދެނީ އެޕަލް އިން ރޭ ދައްކައިލި އައިފޯނު އެކްސް އާއި ބެހޭ މައުލޫމާތުތަކާއި ހިމެނޭ ފީޗާ ތަކެވެ.

ދިހަ އަހަރުގެ ކުރިއަށް ޖެހިލަމާހެއްޔެވެ. ދުނިޔެއަކީ ކިތަންމެ ބޮޑު ތަނެއް ނަމަވެސް ކުޑަ ވެއްޖެ ކަމުގެ އިހުސާސު އެ ދުވަހު ގެނުވައިދިނެވެ. އެއީ ސްޓީވް ޖޮބްސް، އެޕަލްގެ ފުރަތަމަ އައިފޯނު ތައާރަފު ކުރި ދުވަހެވެ. އެއީ އިންޓަނެޓް ކަނެކްޓެއް ފުރަތަމަ ސްމާޓް ފޯނެވެ. އެ ފޯނު ފައްކާވެ ދޮންވަމުން އައިސް ރޭގައި އެވަނީ އެޕަލްގެ އެންމެ ފަހުގެ ފޯނުތައް ދައްކާލައިފަ އެވެ.

ރޭގައި އެޕަލްއިން އިން ދައްކައިލީ އައިފޯނު 8 އައިފޯނު 8 ޕްލަސް އަދި އައިފޯނު އެކްސް އެވެ. އެނގޭހެއްޔެވެ. އެކްސް ރަމްޒު ކޮށްދެނީ ރޯމަން އަކުރުން ނަމަ 10 އެކެވެ.

ދިހަ އަހަރުން އެޕަލުން ދޮންކޮށް ފައްކާކުރި އައު ފޯނަށް ދެން ބަލައިލަމާ ހިނގާށެވެ.

ޑިޒައިން:

އައިފޯނު 8 އަދި 8 ޕްލަސްގެ އިތުރުން އެކްސްގައިވެސް ބޭނުންކޮށްފައިވަނީ މުޅިން އައު ޑިޒައިނެކެވެ. ބޮޑީގެ ކުރިމަތި އަދި ފަހަތުގައިވެސް ވަނީ ބިއްލޫރި އެވެ. އެޕަލްއިން ބުނެފައިވަނީ އެ ބިއްލޫރީގެ ވަރުގަދަ ކަމަކީ ސްމާޓްފޯނެއް ވަރުގަދަކަން ދައްކައިދޭނޭ ރަމްޒެއް ކަމަށެވެ. އައިފޯނު އެކްސްގެ ޑިޒައިން ވަކިން ތަފާތެވެ.

ފަރުމާ ކޮށްފައިވަނީ ފެން އަދި ހިރަފުސް ނުވަންނާނޭހެނެވެ. ބޮޑީގެ އެތެރޭގައި ބޭނުންކޮށްފައިވަނީ "ސާޖިކަލް ގްރޭޑް" ދަނގަޑެވެ. ހިމެނެނީ ދެ ކުލަ އެކެވެ. އަޅި ކުލައާއި ރިހި ކުލަ އެވެ.

ޑިސްޕްލޭ

ސްމާޓް ފޯނުގެ ޓްރެންޑަށް ބަލާއިރު ފަހުން ނިކުންނަ ފޯނުތަކުގައި ފޯނުގެ ފުލް ސައިޒްޑް ޑިސްޕްލޭތައް ފެންނަމުން ދެ އެވެ. އެކްސްގައިވެސް ވަނީ މަތިން ތިރިއަށް ކުރިމަތިފަރާތް އެކުގައި ފުރާލާފައިވާ ޑިސްޕްލޭ އެކެވެ. ސައިޒަކީ 5.8 އިންޗި އެވެ. ބޭނުން ކޮށްފައިވަނީ އޯއެލްއީޑީ ޑިސްޕްލޭ އެކެވެ. މިއީ އެޕަލް އިން އޯއެލްއީޑީ ޑިސްޕްލޭއެއް ބޭނުންކުރާ ފުރަތަމަ ފަހަރެވެ. އާދައިގެ އޯއެލްއީޑީ ޑިސްޕްލޭއެއް ނޫނެވެ. ސުޕަރ ރެޓީނާ ޑިސްޕްލޭ އެކެވެ. ޑިސްޕްލޭގެ ރެސޮލިއުޝަން އަކީ 2046 ގުނަ 1125 އެވެ. ޕިކްސެލް ޕަރ އިންޗް ނުވަތަ ޕީޕީއައި އަކީ 455 އެވެ. އެޗްޑީއާރު އަދި އެޗްޑީއާރުގެ ޑޮލްބީ ވާސަން ހިމެނެ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެކްސްގެ ޑިސްޕްލޭއަށް އެކަނި އެޕަލްއިން 125 ޑޮލަރު ހަރަދުކޮށްފައި ވެ އެވެ. އެކްސް އަގުބޮޑުވުމުގެ ސިއްރަކީ އެއީ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ފޭސް އައިޑީ

މިއީ ހޯމް ބަޓަނާ ނުލާ އެޕަލްއިން ނެރުނު ފުރަތަމަ ފޯނެވެ. ފޯނުގެ ކުރިމަތި ފަރާތް ސްކްރީނުން ފުރރާލާފައިވާއިރު އެޕްލިކޭޝަން އެއް ކްލޯސް ކޮށްލަން ޖެހެނީ މައްޗަށް ދަމާލާށެވެ. "ހޭ ސިރީ" އޭ ގޮވާލުމުން ސިރީ އެކްޓިވޭޓް ވާނެ އެވެ. ސިރީއަށް ހާއްސަ ފިތެއްވެސް އެއް ފަރާތުގައި ހިމަނާފައި ވެ އެވެ.

ފޭސް އައިޑީ ޓެކްނޮލޮޖީގެ މޮޅުކަމަކީ ފޯނަށް ބަލާލުމުން ފޯނުގެ ވެރިމީހާ ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާކަމެވެ. އަދި ފޯނުގެ ވެރިމީހާ ބަލައިލުމުން ފޯނު ހުޅުވައިދޭ ކަމެވެ. މި ޓެކްނޮލޮޖީއަށް އެޕަލުން ދީފައިވާ ނަމަކީ ފޭސް އައިޑީ އެވެ.

ކޮންމެ އޭންގަލަކުން ބެލި ނަމަވެސް، އަދި މޭޒުމަތީގައި ފޯނު ބާއްވާފައި ބަލައިލި ނަމަވެސް ފޯނު ހުޅުވާދޭނެ އެވެ. އެޕަލް އިން ބުނެފައިވަނީ މި ޓެކްނޮލޮޖީ ހެކް ކުރުމުގެ ޗާންސަކީ މިލިޔަނަކުން އެކެއް ކަމަށެވެ. އައިނު އަޅައިގެން ހުއްޓަސް، ފުނާ އަޅާ ސްޓައިލް ބަދަލުކޮށްގެން ހުއްޓަސް، ރޭގަނޑަކަސް ދުވާލަކަސް މޫނު ދެނެގަތުމުގެ ގާބިލުކަން މި ޓެކްނޮލޮޖީއަށް ލިބިފައި ވެ އެވެ.

ފޭސް އައިޑީ ފުރިހަމަވަނީ މޮޅު ކެމެރާ ސިސްޓަމަކާއި އެކުގަ އެވެ. އާދައިގެ ކެމެރާއެއް ނޫނެވެ. އެކަމަށް ހާއްސަ ކެމެރާއަކީ އިންފްރާރެޑް ކެމެރާ އެކެވެ. ފްލަޑް އިލުމިނޭޓާރ އަދި ޑޮޑް ޕްރޮޖެކްޓަރ ބަންޑަލް ކުރެވިފައިވާ ކެމެރާ އެކެވެ.

ހަމަ މިއާއިއެކު މި ކެމެރާގެ އެހީގައި އައު ފީޗާއެއްވެސް ގެނެސްފައި ވެ އެވެ. އެއީ އެނިމޯޖީސް އެވެ. ތިމާގެ މޫޑް ހުންނަގޮތެއް ދެނެގަނެ އެ މޫޑަކާއި އެއްގޮތަށް އެނިމޯޖީސް ތައްޔާރު ކޮށްދެ އެވެ. މެސެޖް ކުރުމުގައި މި އެނިމޯޖީސްތައް ބޭނުން ކުރެވެ އެވެ.

ކެމެރާ

ހިމަނާފައިވަނީ 12 މެގަޕިކްސެލްގެ ޑުއަލް ލެންސް ކެމެރާ އެކެވެ. ދެ ލެންސްގެ އެޕާޗަރ އަކީ އެފް 1.8 އަދި އެފް 2.4 އެވެ. ކެމެރާގައި ހިމަނާފައިވަނީ ޑުއަލް އިމޭޖް ސްކްއަޑް އެލްއީޑީ ޓްރޫޓޯން ފްލެޝް އެކެވެ.

ކެމެރާ ފުރިހަމަވަނީ މި ފޯނުގައި އަލަށް ބޭނުންކުރާ އޭ 11 މަރުކާގެ ބަޔޯނިކް ޗިޕާއި ފުރިހަމައަށް ގުޅި ލާމެހިފައި ވުމުންނެވެ. އިތުރު ލައިޓިންގް އެފެކްޓްތައް ބޭނުން ކުރެވެ އެވެ. ފިލްޓާރތައް ހިޔާރު ކުރުމުގައި ރިއަލްޓައިމް އެނަލަސިސް ބޭނުން ކުރެ އެވެ. ވީޑިއޯ ކޮލިޓީއަށް ބަލާލާއިރު ލޯ ލައިޓް މޯޑްގައި ސިކުންތަކު 60 ފްރޭމް ރެކޯޑް ކުރެވެ އެވެ. 4ކޭ ޓެކްނޮލޮޖީ ސަޕޯޓް ކުރެ އެވެ. 1080ޕީ ކޮލިޓީގައި ސްލޯމޯ ރެކޯޑް ކުރެވެ އެވެ. ސްލޯމޯ ރެކޯޑް ކުރާއިރު ސިކުންތަކު 240 ފްރޭމް ރެކޯޑް ކުރެވެ އެވެ.

ސްޕެކްސް

އެކްސް އެންމެ ހާއްސަ ކޮށްދޭ އެއްކަމަކީ މިއީ އެވެ. ވަޔަރލެސް ޗާޖިން ޓެކްނޮލޮޖީ ހިމެނެ އެވެ. އައިފޯނު 7 އާއި އަޅާ ބަލާއިރު އިތުރު ދެގަޑިއިރު ބެޓަރީ ހިފަހައްޓާނެ އެވެ. އެއަރ ޕަވަރ އެސެސަރީ ހިމެނެ އެވެ. އެއީ ވަޔަރލެސް ކޮށް ޗާޖްކުރުމުގައި ބޭނުންކުރާ މެޓެވެ. މި މެޓްގައި ފޯނާއި އެކުގައި އެޕަލް ގަޑި އަދި އެއަރޕޮޑްސް ޗާޖް ކޮށްލެވެ އެވެ.

އެކްސްގައި ހިމަނާފައިވަނީ އޭ 11 މަރުކާގެ ބަޔޮނިކް ޗިޕެކެވެ. މިއީ 64 ބިޓް ޑިޒައިނެކެވެ. މި ޗިޕްގައި 6 ކޯރ ހިމެނޭއިރު ހައި ޕަރފޯމޭންސް ދެ ޕްރޮސެސަރ ހިމެނެ އެވެ. ނަތީޖާ އަކީ 7 އާއި އަޅާކިޔާއިރު 25 އިންސައްތަ ހަލުވި ވާނެ ކަމެވެ. އަދި ހައި އެފިސިއެންސީ ދެ ކޮރ ޕްރޮސެސަރ ހިމެނިފައިވާތީ 7 އަށްވުރެ 70 އިންސައްތަ ޕްރޮސެސިން ހަލުވި ވާނެ ކަމެވެ. އަދި ޗިޕްގައި ހިމަނާފައިވަނީ އެޕަލްގެ އަމިއްލަ ޖީޕީޔޫ އެކެވެ. ޖީޕީޔޫޥެސް 7 އަށްވުރެ 30 އިންސައްތަ އަވަސް ވާނެ އެވެ.

އަގުތަކާއި މުހިންމު ތާރީހުތައް

އެކްސްގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. އެއީ 64 ޖީބީގެ މޮޑެލް އެވެ. 256 ޖީބީގެ މޮޑެލްވެސް ހިމެނެ އެވެ. ޕްރީ އޯޑަރަށް ހުޅުވާލާނީ އަންނަ މަހުގެ 27ގަ އެވެ. ވިއްކަން ފަށާނީ ނޮވެމްބަރު މަހުގެ 3 ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް