ރޮހިންޖާގެ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ ސަރުކާރުން ހިންގަމުން އަންނަ ލާއިންސާނީ ހަމަލާތައް ދިނުން ވަގުތުން ހުއްޓާލުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އާއި އދ ގެ ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި އެވެ.
އދ އިން މިގޮތަށް ގޮވާލާފައިވަނީ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ސެކިއުރިޓީ ކައުންސިލްގެ ސިއްރު ބައްދަލުވުމެއް ބޭއްވުމަށް ފަހުގަ އެވެ. މިއީ ސްވިޑެން އާއި އިނގިރޭސިވިލާތުގެ އިސްނެގުމަކަށް ބޭއްވުނު ބައްދަލުވުމެކެވެ. މިއީ ރޮހިންޖާގެ މަސްރަހު މި ފަހަރު އިންތިހާއަށް ގޯސްވިފަހުން ބޭއްވުނު ދެވަނަ ބައްދަލުވުންކަންވެސް ފާހަގަ ކޮށްލާން ޖެހެ އެވެ.
މި ބައްދަލުވުމުގައި މެމްބަރުން އެއްބަސްވެ ނިންމާފައިވަނީ މިޔަންމާގެ ހާލަތު ފާޅުގައި ކުށްވެރި ކުރުމަށެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގަޓަރޭސް ވިދާޅުވެފައިވަނީ ރޮހިންޖާގެ ރެފިއުޖީންގެ ހާލަތަކީ ބަލައިގަނެވޭނެ ހާލަތެއް ނޫން ކަމަށެވެ. މިޔަންމާގައި މަސައްކަތް ކުރަނީ އިސްލާމީ ނަސްލު ނައްތާލަން ކަމުގައިވެސް އދ ސެކްރެތަރީ ޖެނެރަލް ވިދާޅުވެފައި ވެ އެވެ.
ރޮހިންޖާގެ މަސްރަހާއި ގުޅިގެން ތިން ލައްކަ 70 ހާހަށްވުރެ ގިނަ މީހުން އަވަށްޓެރި ބަންގްލަދޭޝް އަށް ގޮސްފައިވާކަމަށް އދ އިން ހާމަކުރެ އެވެ. މިޔަންމާއިން ބުނަނީ އޮގަސްޓް 25ގައި ޗެކްޕޯސްޓަށް ދިން ހަމަލާއާއި ގުޅިގެން އެމީހުން ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ޓެރަރިސްޓުންނާއި ދެކޮޅަށް ހިންގަމުން އަންނަ އޮޕަރޭޝަނެއް ކަމަށެވެ.
"މިލިޓަރީ އޮޕަރޭޝަން ވަގުތުނު ހުއްޓާލުމަށް އަހަރެން ގޮވާލަން، ގާނޫނީ ހަމަތައް ގާއިމްކޮށް ރައްޔިތުން އަނބުރާ ގައުމަށް ގެންދަން ގޮވާލަން" ބައްދަލުވަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.
ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވަނީ މިޔަންމާގެ މަސްރަހު ހަމައަކަށް އެޅުވުމަށް ކޮންމެ ކަމެއް ކުރުމަށްވެސް ސެކިއުރިޓީ ކައުންސިލުން އޮތީ ތައްޔާރަށް ކަމަށެވެ. މިއީ މިޔަންމާ މަސްރަހާއިމެދު ސެކިއުރިޓީ ކައުންސިލުން ފާއިތުވި 9 އަހަރު ދުވަހުގެ ތެރޭގައި ގޮތެއް ނިންމި ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް