ކެރޭނު ވެއްޓުނު ހާދިސާގައި ކުޑަދެކުއްޖަކު ކެރޭނު ދަށުވެ މަންމަ ސަލާމަތްވުން

މައްކާގެ ހަރަމްފުޅުތެރެއަށް ކެރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއަކީ ދުރުގައި ތިއްބަސް އަހަރެމެން ދިވެހީންގެ ލޮލުންވެސް ކަރުނަ ފާއްދާލި ހާދިސާއެކެވެ. ދިވެއްސަކު ނިޔާ ނުވިޔަސް ހިތަށް ފުން އަސަރުތަކެ...

14 Sep 2015 | 07:24

މައްކާގެ ހަރަމްފުޅުތެރެއަށް ކެރޭނެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއަކީ ދުރުގައި ތިއްބަސް އަހަރެމެން ދިވެހީންގެ ލޮލުންވެސް ކަރުނަ ފާއްދާލި ހާދިސާއެކެވެ. ދިވެއްސަކު ނިޔާ ނުވިޔަސް ހިތަށް ފުން އަސަރުތަކެއް ކުރުވި ހާދިސާއެކެވެ.

އެ ހާދިސާގައި 107 މީހަކު ނިޔާވެ 300 އާ ގާތް ކުރާ އަދަދަކަށް މީހުން ޒަހަމްވެފައިވާއިރު ހާދިސާ ހިނގި ވަގުތުގެ ބައެއް ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި އާންމު ކުރަން ފަށާފަ އެވެ. މިއީ އޭގެން އެއް ވީޑިއޯއިން ފެންނަ މަންޒަރުތަކުގެ ވާހަކަ އެވެ.

ހަރަމްފުޅުގެ ތެރޭގައި ހައްޖާޖީން ހަރަކާތްތެރިވަމުން ދިޔައިރު ކުޑަ ދެ ކުއްޖަކު އެކުދިންގެ މަންމަ(މަންމަ ކަމަށް ބެލެވޭ) ގާތުގައި ހަރަކާތްތެރިވަމުންދެ އެވެ. ދެބެން ކަމަށް ބެލެވޭ އެ ދެކުދިން ދެބެން ދެބެންނަށް ސަމާސާ ކުރަނީ އެވެ. ފެންނަ މަންޒަރަށް ބަލާއިރު މަންމަ ހުންނަނީ ހުއްޓިލައިގެންނެވެ.

މީހަކު ވީޑިއޯ ކުރަމުންދިޔައީ އެ ދެކުދީންނަށް ފޯކަސް ކޮށްގެން ކަމަށް ބެލެވެ އެވެ.

ފެންނަ ފެނުމަށް ދެކުދިންގެ ތެރެއިން ބޮޑު ކުއްޖާއަށް ވާނީ 12  އަހަރެވެ. ކުޑަ ކުއްޖާއަށް ވާނީ ހަތަރެއް ނޫނީ ފަސް އަހަރެވެ.

އެ ދެކުދީންނަށް ސަމާސާކޮށްލެވުނީ 33 ސިކުންތު ވާންދެނެވެ. ކުށްލިއަކަށް މަންޒަރު ބަދަލުވީ އެވެ. ބާރު އަޑެއް އިވުމާއެކު ދެކުދިންވެސް މަންމަގެ އުނގުތެރެއަށް އެރެ އެވެ. ކެރޭނުގެ ކޮޅުން ބާރު ސްޕީޑްގައި އަންނަ އެއްޗަކުން ޖެހި އެންމެ ކުޑަކުއްޖާ މާ ދުރަށް ވިއްސިގެން ދެ އެވެ.. ފަޅި ސިކުންތުގެ ތެރޭގައި ބާރު ސްޕީޑްގައި ބަރު ބޮޑު ކެރޭނު ވެއްޓި މަންމައާއި ދެންހުރި ކުއްޖާވެސް ވަކި ކޮށްލައެވެ. މަންމަ ވިއްސިގެންދަނީ ދެކުދީންނާ ދުރަށެވެ.

ފެންނަނީ ހަރަމްފުޅުގެ އެތެރެ ލެއިން ތަތްތެޅުނު ތަނެވެ. ބިންމަތީގައި މުސްލިމުންގެ ހަށިތަކެވެ. ހިތާމަވެރި ހިތްދަތި ބަލަން އުނދަގޫ މަންޒަރެކެވެ. ދެން ފެންނަނީ އެ މަންމަގެ ދެކުދިން ހޯދުމަށް ކޮޅާކޮޅު ހޯދާ ބަލާ މަންޒަރެވެ. ފުރަތަމަ ދެވެނީ ނުބައި ކޮޅަކަށެވެ. ފުރަތަމަ ފެންނަނީ ބޮޑު ކުއްޖާއެވެ. ގޮސް އަތުލަފިކޮށް ނަގަ އެވެ. އިތުރު ހައްޖާޖީއަކު އެހީތެރިވާން އާދެ އެވެ. ކުޑަ ކުއްޖާ ފެންނަނީ މާ ދުރުންނެވެ. ކުޑަކުއްޖާ ނަގަނީ އެހީވާން އަންނަ ހައްޖާޖީ އެވެ.

އެ ހާދިސާގައި ނިޔާވި މީހުންނާ ބެހޭ މާގިނަ ތަފްސީލުތަކެއް ސައުދީން އަދި ހާމަކޮށްފައި ނެތުމުން ހާދިސާގައި ދެކުދިން ނިޔާވީ ކަމެއް ނޫނީ އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައީ ކަމެއް ސާފެއް ނުވެ އެވެ.

ދުއާ އަކީ އެ ހާދިސާގައި ނިޔާވި އެންމެންގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމެވެ. ނިޔާވި މީހުންގެ އާއިލާތަކަށް ކެތްތެރިކަން ދެއްވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް