އެފްރިކާގެ ޤައުމުތަކުގައި ހަލުވި ސްޕީޑެއްގައި ފެތުރެމުން އަންނަ އެމްޕޮކްސް (ކުރީގައިނަމަ މަންކީޕޮކްސް) އަކީ ގްލޯބަލް އިމަޖެންސީއެއްކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިރޭ ކަނޑައަޅައިފިއެވެ.
އެފްރިކާގެ ޤައުމެއް ކަމުގައިވާ ކޮންގޯއިން މި ފަހުން ފެނި އެފްރިކާގެ 12 އަށްވުރެ ގިނަ ޤައުމެއްގައި ފެތުރެމުން އަންނައިރު ޖުލައި މަހުން ފެށިގެން މި ބައްޔަށް 14 ހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެ 500 އަށްވުރެ ގިނަ މީހުން މި ބަލީގައި މިހާތަނަށް ވަނީ މަރުވެފައެވެ.
އެފްރިކާ ބައްރު ހުރަސްކޮށް ދުނިޔޭގެ ކަންކޮޅުތަކަށް މި ބަލި ފެތުރުމުގެ ބިރު އެބަ އޮތްކަމުގައި މިރޭ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކުރިއެވެ.
އެމްޕޮކްސް އަދި ކުރީގައި ނަމަ މަންކީ ޕޮކްސް ބައްޔަކީ އަސްލު ތަދު ބައްޔެކެވެ. މި ބަލި ޖެހެނީ އޭގެ ސައިޒަށް ބަލާނަމަ ސައިޒުން ވަރަށް ކުޑަ ވައިރަހެއް ކަމުގައިވާ އެމްޕޮކްސް ވައިރަސްއެއްގެ ސަބަބުންނެވެ.
މި ވައިރަސް ނިސްބަތްވަނީ އޯތޮޕޮކްސް ވައިރަސް ގްރޫޕަށެވެ. މި ގްރުޕްގައި ހިމެނޭ އިތުރު ބައެއް ވައިރަސް ތަކަކީ ސްމޯލްޕޮކްސް ބަލި ޖައްސާ ވެރިއޯލާ ވައިރަސް އާއި ކައުޕޮކްސް ބަލި ޖައްސާ ކައުޕޮކްސް ވައިރަސް އާއި އަދި ވެކްސިނިއާ ވައިރަސް އެވެ.
އެމްޕޮކްސް އަކީ ޒޫއޮނޯޓިކް ބައްޔެކެވެ. މާނައަކީ މިއީ ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ވާސިލުވެ އަދި އިންސާނުންގެ މެދުގައި ފެތުރޭ ވައިރަސް އެކެވެ.
މި ވައިރަސް ގައިން ގަޔަށް އެރުމުގެ ފުރުސަތު ބޮޑީ ގައިގަ ބީހުމުންނެވެ. ހާއްސަގޮތެއްގައި މި ބަލި ޖެހިފައިވާ ފަރާތަކާ ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ކަން ފާހަގަކުރާއިރު ހުރަސް ބޭނުން ކުރުމަކީވެސް މި ބަލިން ރައްކާތެރިވާ ކަމަކަށް ނުވެއެވެ.
ބަލި ޖެހިފައިވާ މީހާގެ ގައިގަ ބީހުމުން، އެމީހަކު އަތްލާފައި ހުންނަ އެއްޗެއްގައި ޖެހި ބީހުމުންވެސް ވައިރަސް ދައުރުކުރާ ކަމަށާއި މިސާލަކަށް ހެދުން އަދި ނިދަން އޮންނަ އެނދުފަދަ ތަންތަނުގެ ޒަރީއާއިންވެސް ވައިރަސް ފެތުރޭ ކަމަށް ބުނެއެވެ.
ހަށިގަނޑަށް މި ވައިރަސް ވަދެ ހަފްތާ ދެ ހަފްތާގެ ތެރޭގައި ލޭގެ ތެރޭގައި މި ވައިރަސް ދައުރުވާން ފަށާ އިރު އެއީ އިންކިއުބޭޝަން ޕީރިއަޑް ކަމުގައިވާއިރު އެއްވެސް އަލާމާތެއް ފުރަތަމަ ހަފްތާ ދެ ހަފްތާގައި ނުފެނިދާނެއެވެ.
ސްމޯލްޕޮކްސް ވެކްސިން ޖަހާފައިނުވާ ފަރާތްތަކަށް ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ބުނާއިރު ބަލީގެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވެ ގައިން ވަރުދެރަވުން، ހީކެރުވުން، ހުން އައުން، ބޮލަށް ތަދުވުން، ގަޔަށް ތަދުވުން، ކަރަށް ތަދުވުން އަދި ކެއްސުން ހިމެނެއެވެ.
ބަލީގެ ދެވަނަ މަރުހަލާގައި ހަންގަނޑުގައި ފިތްތަކެއް ނެގުން ހިމެނޭއިރު، ފިތްގަނޑު ނެގުން، އޭގެ ތެރޭގައި ޖިންސީ ގުނަވަން، ފުރަގަސް ފަރާތް، މޫނު، އަނގަ ފައި އަދި މޭމަތީގައި ފިތްގަނޑެއް ނެގުން ހިމެނެއެވެ. އަދި ފަހުން އެ ފިތްގަނޑު ހިމެނޭ ސަރަހައްދުގައި ބިސްތަކެއް އުފެދޭއިރު އެއީ ވޭންހުރި ކަމެއްކަމުގައި ސިފަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް