މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދޭން ނިންމަނީ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް  ގާނޫނަށް އިސްލާހު ގެނުމަށް ނިންމައި އެ އަދަބު ދޭން ޑްރާފްޓް ބިލްގައި ހިމަނައިފި އެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، މ...

14 Aug 2024 | 17:30

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް  ގާނޫނަށް އިސްލާހު ގެނުމަށް ނިންމައި އެ އަދަބު ދޭން ޑްރާފްޓް ބިލްގައި ހިމަނައިފި އެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، މިހާރު މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދޭ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނުމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން އެކުލަވާލި ބިލުގައި ހިމަނާފައިވަނީ ޖަދުވަލު 1 ގައިވަނީީ މަސްތުވާތަކެތި ވަކި އަދަދަކަށް ވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ދެވޭ ގޮތަށެވެ.

އެ އިސްލާހުގެ ޑްރާފްޓް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އަންނަނީ ތައްޔާރު ވަމުންނެވެ.

މިހާރު ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން މަރުގެ އަދަބު ކަނޑައެޅެނީ ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައި އެކަންޏެވެ. ރާއްޖޭގެ ޖަލުތަކުގައި މިހާރުވެސް މަރުގެ ހުކުމް ކޮށްފައިވާ ފަރާތައް އެބަހުއްޓެވެ.ނަމަވެސް 1953 ވަނަ އަހަރު ފަހުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކޮށްފައެއް ނުވެއެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ޑްރާފްޓް ބިލްގައި ހިމެނިއިރު، ސަރުކާރުގެ ވިސްނުމުގައި ބޮޑަށް ހުރީ ސިންގަޕޫރުގައި އަމަލުކުރާ މޮޑެލްއާ އެއްގޮތަށް ކުރިއަށް ދިއުން ކަމަށް މައުލޫމާތު ލިބެއެވެ

ސިގަންޕޫރުގައި މިހާރުވެސް އެގޮތަށް އަމަލުކުރެވޭއިރު، ރާއްޖެއިން ގާނޫނަށް މަސްތުވާތަކެތި އެތެރެކުރާ މީހުން މެރުމަށް އިސްލާހު ގެނެސްފި ނަމަ ރާއްޖެވާނީ މުޅި ދެކުނު އޭޝިއާއިންވެސް ޑްރަގުގެ މައްސަލައެއްގައި މަރުގެ އަދަބުދޭނެ ދެވަނަ ގައުމަށެވެ.

އަދި މިއީ ރާއްޖޭގައިވެސް ޑްރަގް މައްސަލަތަކުގައި މަރުގެ އަދަބު ދޭން ހުށަހަޅާފައިވާ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް