މާލެއަށް އިއްޔެ 89 މިލިމީޓަރުގެ ވާރޭ ވެހުނު!

މާލެއަށް އިއްޔެ 89 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖެއަށް ކުރަމުންމިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި 24 ގަޑިއ...

14 Aug 2024 | 09:59

މާލެއަށް އިއްޔެ 89 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖެއަށް ކުރަމުންމިދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ މާލެއަށް ކަމަށެވެ.

ދެވަނައަށް އެންމެ ބޯކޮށް ވާރޭވެހިފައިވަނީ އއ. ތޮއްޑޫ އަށެވެ. އެރަށަށް 70.6 މިލިމީޓަރަށް ވާރޭވެހިފައިވާއިރު ދެން އެންމެ ބޯކޮށް ވާރޭވެހުނު ހުޅުމާލެެ އަށް 63.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުން ދައްކާފައިވެ އެވެ.

އިއްޔެ ކުރި ވިއްސާރައިގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހި އެކަމުގެ ސަބަބުން ވަނީ އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވެ އެވެ. މާލޭގައި ހުއްޓުމެއްނެތި ވިއްސާރައިގެ ސަބަބުން ވަރަށް ބޮޑަށް ފެންބޮޑުވެ ގެތަކަށް ގެއްލުންވެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރާފަ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ އޮފިޝަލަކު ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ  އަންގާރަ ދުވަހު މާލެއަށް ވިއްސާރަކޮށްފައިވަނީ އާދަޔާ ހިލާފަށް ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި 40 މިލިމީޓަރުގެ ވާރޭ ވެހުމުން ވެސް ފެންބޮޑުވާ ސިޓީއެއްގައި 89 މިލިމީޓަރުގެ ވިއްސާރައިގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރި ކަމަށެވެ.

“އަޅުގަނޑުމެންނަށް ފެނުނީ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ވަރަށް ގިނައިން ވާރޭ ވެހޭތަން. ކުރު ވަގުތުކޮޅެއްގެ ތެރޭގައި 80 މިލިމީޓަރު (ތިން ގަޑިއިރު). އެއީ ރާއްޖޭގެ މިންގަނޑުން ބަލާއިރު ވަރަށް ބޮޑު މިންވަރެއް. މާލެ އަކީ އެންމެ 40 ނުވަތަ 45 މިލިމީޓަރުގެ ވާރޭ ވެހުމުން ފެންބޮޑުވާން ފަސޭހަ ތަނަކަށް ބަލާއިރު، 80 މިލިމީޓަރު ވާރޭ ވެހުމަކީ އޭގެ ދެގުނަ،”

އޮފިޝަލް ވިދާޅުވީ ހުޅަނގު މޫސުން ޑިސެމްބަރު މަހުގެ ނިޔަލަށް ދެމިގެންދާނެ ކަމަށެވެ. އަދި މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު އާންމު ހާލަތަށް ވުރެ ބޯކޮށް ވާރޭވެހޭނެ އެވެ.

“ހަމައެކަނި ރާއްޖެއަށް ނޫން. ރާއްޖެ، އިންޑިއާ އަދި މުޅި ދެކުނު އޭޝިއާގެ އެހެން ހިސާބުތަކަށް ވެސް އާންމު ގޮތެއްގައި ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ،”

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނީ މި ހަފުތާގައި ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ފުޅާދާއިރާއެއްގައި ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، ހިނގާ ބިގާ އުޅެންވެސް ދަތިވުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާވަނީ މިއަދު ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އަދި އެމަނިކުފާނު އިސްވެ ހުންނަވައިގެން ހާއްސަ ޓާސްކްފޯހެއް ވެސް އެމަނިކުފާނު ހަމަޖައްސަވައި، ހާލަތު މޮނިޓަރކޮށް، ކުއްލި ހާލަތުގައި ރައްދު ދިނުމަށް މަގުފަހިކޮށްދީފައި ވެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑުދަތުރު ފަތުރު ކުރުމުގައި މޫސުމަށް ސަަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް