ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރަމަންޓް މިނިސްޓާރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް ސަލީމުގެ މައްޗަށް ހެކި ނެތުމުން ދައުވާ ނުކުރަން ނިންމައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އޮފިޝަލަކު ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕްރޮސެކިއުޓަރުންނަށް އެއްވެސް މިންވަރަކަށް ހެއްކެއް ފެނިފައިނުވާތީ ދައުވާކުރުމަށް ނުފޮޮނުވަން ނިންމާފައިވާކަމަށެވެ.
ސިހުރު ހެދި ކަމުގެ ތުހުމަތުގައި ޝަމްނާޒް ގެ އިތުރުން ދެ މީހަކު ހައްޔަރުކޮށްފައި ވެއެވެ. މި އެންމެން ވެސް މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ. ޝަމްނާޒް ހައްޔަރުކުރުމާއި އެކު ވަނީ މަގާމުން ސަސްޕެންޑްކޮށްފައެވެ.
އެގޮތުން މި މައްސަލައިގައި ހައްޔަރުކުރި މީހުން ތަކު ތެރޭގައި ހިމެނޭ، ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ސަނާ ވަނީ މިދިޔަ މަސްތެރޭގައި ހައްޔަރުން ދޫކޮށްލާފައެވެ.
އެހެން ނަމަވެސް މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން އޭރު ވަނީް ބުނެފައެވެ. އެގޮތުން ޝަމްނާޒްއާ ދެކޮޅަށް އެއްވެސް ހެއްކެއް ލިބިފައި ނުވުމުން މި މައްސަލައިގައި ދައުވާ ކުރެވެން ނެތުމުން ޕީޖީން ވަނީ ދައުވާ ނުކުރުމަށް ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ސިހުރު ހެދި ކަމަށް ބުނާ މި މައްސަލައަށް ބޭރުގެ މީޑިއާ ތަކުންވެސް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް