ދިރާގުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އީ-ސްޕޯރޓްސް ކޮމްޕެޓިޝަން، ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ ޖުމްލަ 100,000 ރުފިޔާގެ ޕްރައިޒް ޕޫލްއަކާއެކު ދިވެހިރާއްޖޭގައި ބޭއްވި އެންމެ ބޮޑު އީ-ސްޕޯޓްސް އިވެންޓް ކަން ދިރާގުން ފާހަގަކުރެއެވެ.
މި ޓޯނަމަންޓްގެ ގްރޭންޑް ފިނާލޭ ކުރިއަށް ގެންގޮސްފައިވަނީ ދިރާގު ހެޑް އޮފީހުގައި ސަޕޯޓަރުންނާއި އާންމުންނަށް މެޗުތައް ކުޅޭތަން ލައިވްކޮށް ބަލާލެވޭފަދަ ފޯރިގަދަ އިވެންޓެއްގެ ގޮތުގައެވެ.
ގްރޭންޑް ފިނާލޭ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ އިސްމާއިލް ރަޝީދު ވަނީ އީ-ސްޕޯޓްސް ސަގާފަތް ދިވެހިރާއްޖޭގައި ކުރިއެރުމަށް ދިރާގުން ތިބީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ. ހަމައެފަދައިން މި އިވެންޓަކީ އެކުންފުނިން ދިވެހި ގޭމިންގ ކޮމިއުނިޓީއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ފެށުން ކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ.
ވަރުގަދަ މެޗުތަކަކަށް ފަހު ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓްގެ ޗެމްޕިއަންކަން ޓީމް ސްލީޕިންގ ފޮރެސްޓްއިން ހޯދާފައިވާއިރު ދެވަނަ ހޯދީ ޓީމް ވިގަނިއެވެ. އަދި މުބާރާތުގެ ތިން ވަނަ ހޯދައިފައިވަނީ ޓީމް އެސް.އެލް.އެފް.އޯ މެކްސިސް އެވެ.
މީގެ އިތުރަށް، ގްރޭންޑް ފިނާލޭ ކުރިއަށް ދިޔައިރު ދިރާގުން ވަނީ އެއް ދުވަހުގެ ފީފާ ޓޯނަމަންޓަކާއި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ދިޔަ ތަފާތު ވީ.އާރް ކުޅިވަރުތަކާއެކު ގޭމިންގ ފެސްޓެއްވެސް ދިރާގު ހެޑް އޮފީހުގައި ބާއްވާފައެވެ. އަދި މި ފީފާ ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދާ ޕްލޭސްޓޭޝަން 5 ގެ ގްރޭންޑް އިނާމު ލިބިފައިވަނީ މުހައްމަދު ޒަމީލް ޒިހުނީއަށެވެ.
ދިރާގުން މައުލޫމާތުދޭގޮތުގައި އެ ކުންފުނިން އަންނަނީ އީ-ސްޕޯޓްސް ތަރައްގީކޮށް ކުރިއެރުވުމަށާއި ބައިނަލްއަގްވާމީ ބޮޑެތި ނަންތަކާ އެކު ހަރުދަނާ ގުޅުމެއް ގާއިމުކޮށް ޕްރޮފެޝަނަލް ގޭމް ކުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް