މުއިއްޒުގެ ސަރުކާރެއްގައި ބޯންމެރޯ ހެދުން ސަރުކާރު ހަރަދުގައި ހިލޭ ކޮށްދޭނެ ކަމުގެ ވައުދު

ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ސަރުކާރުގެ ހަރަދުގައި ހިލޭ ބޯންމެރޯ ހެއްދޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމުގައި އޭނާ ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ މިހ...

14 Aug 2023 | 14:54

ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ސަރުކާރުގެ ހަރަދުގައި ހިލޭ ބޯންމެރޯ ހެއްދޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމުގައި އޭނާ ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ މިހާރު ހއ. ހދ ގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ ދަތުރުގައި މިއަދު ހއ. އުތީމުގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ތެލަސީމިއާ މައްސަލަ ހުންނަ ކުދިން ވަރަށް ގިނަ ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި ޒަކާތު ފަންޑުގެ ތެރެއިން ބޯންމެރޯގެ ކަންކަން ކޮށްދެއްވި ކަމަށެވެ. އަދި އެކަން އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރަންޖެހޭކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

"މުޅި ރާއްޖޭގަވެސް ނިޒާމުގެ ތެރެއިން ސަރުކާރުން ހިލޭ ކޮށްދެވޭނެ ނިޒާމު ގާއިމްކޮށްދޭނަން" މުއިއްޒު ވިދާޅުވިއެވެ.

އުތީމުގައި ކުރިއަށްދިޔަ ޖަލްސާގައި އުތީމަށްވެސް ބައެއް ވައުދުތައް މުއިއްޒު ވެ ލެއްވިއެވެ. އެގޮތުން އެ ރަށުގެ ބަނދަރު ބޮޑުކޮށް ފައިކައްޓަށް ބަދަލު ގެނައުމާއި ރަށް ގިރުމުގެ މައްސަލަ ހައްލު ކޮށްދިނުމާއި ލާމަރުކަޒީގޮތުން އާސާރީ ތަންތަން ހިންގުން ރަށުގެ ކައުންސިލުން ކުރާ ގޮތަށް ހަމަޖެއްސުމާއި ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިދިނުމާއި ރަށުގައި އޭޓީއެމް އެއް ގާއިމްކޮށްދިނުމުގެ ވައުދު ވެ ލެއްވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ކެމްޕޭނަށް އޮތް ވަގުތު ކުޑަ ވުމުން ހުރިހާ އަތޮޅެއްގެ ހުރިހާ ރަށަކަށް ނުދެވިދާނެ ކަމަށާއި އެހެން ނަމަވެސް އެއްވެސް ރަށެއް ރައްޔިތެއް ބާކީ ނުކޮށް ހިދުމަތް ދެއްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް