ދިގު މުއްދަތަކުން ފައިސާ ދެއްކޭނެހެން ދޯނިފަހަރު ބަނދެދޭނަން: ނާޒިމް

ދިގު މުއްދަތަކަށް ރުފިޔާ ދައްކާ ޚާލާސްކުރެވޭ ގޮތަށް ސަރުކާރުން އޮޑި ދޯނިފަހަރު ބަނދެދެއްވާނެކަމަށް، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.މިގޮތަށް ނާޒިމް ވ...

14 Aug 2023 | 12:09

ދިގު މުއްދަތަކަށް ރުފިޔާ ދައްކާ ޚާލާސްކުރެވޭ ގޮތަށް ސަރުކާރުން އޮޑި ދޯނިފަހަރު ބަނދެދެއްވާނެކަމަށް، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މިގޮތަށް ނާޒިމް ވިދާޅުވީ ލ. ގަމުގައި ބޭއްވި އެމްއެންޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި ދިވެހިންނަށް ޒަމާނީ އޮޑިދޯނިފަހަރު، ޒަމާނީ ވަޞީލަތްތަކާއިއެކު، ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ނާޒިމް ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި ދިގު މުއްދަތަކަށް ލޯނު ދައްކާއިގެން މަސްވެރި އުޅަނދުތައް ނެރެވޭނެ ޚާއްޞަ ޕްރޮގްރާމްތައް ތަޢާރަފްކުރައްވާނެކަމަށެވެ.
"އިރާދަކުރެއްވިއްޔާ ޒަމާނީ ފެންވަރުގެ ދޯނިފަހަރު އަޅުގަނޑުމެން ބަނދެދޭނަން. ދިގު މުއްދަތަކުން ފައިސާ ދައްކާގެން އެ ދޯނިފަހަރު ޚަލާސްކުރެވޭ ގޮތް ހަދާދޭނެ ވާހަކަ ތި ޒުވާން އެންމެހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުން." ނާޒިމް ވިދާޅުވިއެވެ.
ހަމައެފަދައިން، އޮޑިދޯނިފަހަރުގައި މަސް ފިނިކުރާއި ނިޒާމް ނުވަތަ ރެފްރިޖެރޭޓެޑް ސީވޯޓަރ ސިސްޓަމް (އާރު.އެސް.ޑަބްލިޔު) ސިސްޓަމެއް، ސަރުކާރުން ލުއި އަގެއްގައި ޤާއިމްކޮށްދޭނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ހަމައެއާއެކު، ލ އަތޮޅުގައި އެޑްވެންޗަރ ޓޫރިޒަމް ޤާއިމްކުރުމާއި، އެ އަތޮޅުގައި އޮތް ކައްދޫ އެއަރޕޯޓު، އިންޓަނޭޝަނަލް ކޮށްދެއްވާނެކަމަށްވެސް ނާޒިމް ވަޢުދުވެވަޑައިގެންނެވިއެވެ.
ރިޔާސީ އިންތިހާބާއި ގުޅިގެން ނާޒިމްގެ މި ކެމްޕެއިން ދަތުރުތަކުގެ ތެރެއިން، ލ އަތޮޅުގެ 5 ރަށަކަށް އޭނާ ވަނީ ޒިޔާރަތްކުރައްވާފައެވެ. ދެން، ނާޒިމްގެ ކެމްޕެއިން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ތ އަތޮޅަށެވެ. އަދި މި ދަތުރުގައި ރާއްޖޭގެ ދެކުނުން 5 އަތޮޅެއްގެ 21 ރަށަކަށް ނާޒިމް ޒިޔާރަތްކުރައްވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް