އުރީދޫ މޯލްޑިވްސް އިން ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި ރާއްޖޭގެ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، އީފާސް އިންޓަގްރޭޓްކޮށްފިއެވެ.
އުރީދޫ އިން ބުނާ ގޮތުގައި ރައްކާތެރިކަމާއެކު ޚިދުމަތް ތައް ފޯރުކޮށްދިނުމުގެ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫ ޚިދުމަތްތަކަށް އެދޭއިރު، ކަސްޓަމަރުންގެ ވެރިފިކޭޝަންގެ ވަސީލަތެއްގެ ގޮތުގައި އީފާސް ހަމަޖެހިގެންދިއުމަކީ ޙިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމެވެ. އަދި އީފާސް އިންޓަގްރޭޓް ކުރުމަކީ ކަސްޓަމަރުންނަށް ރައްކާތެރި، ފަސޭހަ އަދި ހަރުދަނާ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ބުނެފައިވެއެވެ.
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންގެ ތަޖުރިބާއަށް އިންގިލާބީ ބަދަލެއް އައިސް، އުރީދޫގެ ތަފާތު އެކި އެކި ޙިދުމަތްތައް ހޯދުމުގައި ރައްކާތެރި އޮތެންޓިކޭޝަން ޕްރޮސެސްއެއް ކަށަވަރުވެގެންދާނެ ކަމަށް އުރީދޫ އިން ހާމަކުރައްވައެވެ.
"އީފާސް އިންޓިގްރޭޝަން އަޅުގަނޑުމެންގެ ޕްލެޓްފޯމްތަކަށް ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭއިރު، މި ޕާޓްނަރޝިޕަކީ ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ތަޖުރިބާ ތައް އިތުރަށް ފުރިހަމަ ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް ރަމްޒުކޮށްދޭ ކަމެއް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ކަސްޓަމަރުންނަށް މިހާރަށްވުރެ ފަސޭހަ އަދި ރައްކާތެރި ވެރިފިކޭޝަނެއް ގާއިމުކުރުމަށްޓަކާ އަޅުގަނޑުމެންގެ ހުރިހާ ހިދުމަތަކަށް އީފާސް ވެރިފިކޭޝަން އިންޓަގްރޭޓްކުރަން." އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
އެގޮތުން އުރީދޫ އިން ބުނީ އުރީދޫ މޯލްޑިވްސްގެ ޙިދުމަތްތަކަށް އީފާސް އިންޓަގްރޭޓް ކުރުމަކީ، ޑިޖިޓަލްކޮށް ބާރުވެރި ގައުމެއްގެ ގޮތުގައި ރާއްޖެ ބިނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫ މޯލްޑިވްސް އިން ދޭ އަހައްމިއްޔަތުކަމުގެ ހެއްކެ ކަމަށެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ އޮނަރަބަލް މުޙައްމަދު ޝަރީފް ވިދާޅުވީ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ، އީފާސް، އުރީދޫއިން ބަލައިގަތުމަކީ، އުރީދޫގެ ކަސްޓަމަރުންނަށް އިތުރު ޑިޖިޓަލް ލުއިފަސޭހަތަކެއް ފޯރުކޮށްދީ، ޑިޖިޓަލްއިން ބާރުވެރިވެފައިވާ ރާއްޖެއެއްގެ ތަސައްވުރު ހާސިލްކުރުމަށް އެ ކުންފުނިން ސަރުކާރާއި އެކު ކުރެއްވި ވަރަށްވެސް މުހިންމު މަސައްކަތެއް ކަމަށެވެ.
ފުރަތަމަ މަރުހަލާއެއްގެ ގޮތުން ޕޯސްޓްޕެއިޑް ޕްލޭން އަޕްގްރޭޑް ކުރުން އަދި ފިސިކަލް ސިމް ކާޑް އީސިމް އަކަށް ބަދަލު ކުރުމުގައި ކަސްޓަމަރ ވެރިފިކޭޝަންގެ ގޮތުގައި މިހާރު އީފާސް މެދުވެރިކޮށް އުރީދޫ ވެބްސައިޓަށް ލޮގް އިން ކޮށް ޙިދުމަތައް އެދިލެވޭނެއެވެ. އަދި ކުރިއަށް އޮތްތަނުގައި މި ޙިދުމަތް އިތުރަށް ފުޅާކުރެވި އީފާސް ބޭނުންކުރައްވައިގެން ކަސްޓަމަރުންނަށް އުރީދޫ ގެ ހުރިހާ ޙިދުމަތަކަށްވެސް އެދިލެއްވޭނެ ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.
މި ސްޓްރެޓެޖިކް އިންޓަގްރޭޝަނާއެކު، ކަސްޓަމަރުންގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައިދޭ ފަދަ ރައްކާތެރި އަދި މެދުކެނޑުމެއް ނެތް ހިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ދޭ އަހަންމިއްޔަތުކަން ދައްކުވައިދެއެވެ. އަދި ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓފޯމް އީފާސް އަކީ ކުރިއަށް އޮތްތަނުގައި ޑިޖިޓަލް ފުރުޞަތުތަކުގެ ދުނިޔެ އިތުރަށް ހުޅުވައިލަދީ ފަރުދުންނަށް އެކި އެކި ޙިދުމަތްތައް ލިބުގަތުމުގައި އިތުރު ފަސޭހަތައް ފަހިކޮށްދޭނެ ޕްލެޓްފޯމެއް ކަމަށް އުރީދޫ އިން ފާހަގަކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް