މަބްރޫކް އެނބުރި ސިޔާސީ މައިދާނަށް

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް އަލުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންފިއެވެ. ރައީސް ސޯލިހު ނ. ވެލިދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި، އެމަނިކުފާނުގެ މެނިފެސްޓޯގެ ދެވަނަ...

14 Aug 2023 | 04:58

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް އަލުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންފިއެވެ.

ރައީސް ސޯލިހު ނ. ވެލިދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި، އެމަނިކުފާނުގެ މެނިފެސްޓޯގެ ދެވަނަ ސިޔާސަތު ކަމުގައިވާ ޒުވާނުންގެ މެނިފެސްޓޯގެ ބައިތައް ތައާރަފް ކޮށްދެއްވީ މަބްރޫކްއެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރައީސް ސޯލިހުގެ ފުރަތަމަ ދައުރަކީ ދިވެހިރާއްޖޭގެ ޒުވާނުންނަށް މިއިން ޒަމާނަކުވެސް ނުލިބޭ ވަރުގެ އިންގިލާބީ އުފާވެރި ބަދަލުތަކެއް ގެނުވައިދިން ފަސް އަހަރު ކަމަށެވެ.

ތައުލީމާއި ކުޅިވަރާއި ވަޒީފާ އަދި ވިޔަފާރީގައިވެސް ޒުވާނުންނަށް ބޮޑު ހޭދައެއް މި ސަރުކާރުން ކޮށްދެއްވާފައިވާ ކަމަށެވެ.

ޒުވާނުންގެ މެނިފެސްޓޯ އެކުލަވާލާފައި ވަނީ ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ދައުރުގައި ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، އިތުރަށް ހަރުދަނާކޮށް ފުރިހަމަ ކުރަން ހުރި ކަންކަމާއި ވަށާ ޖެއްސުމަށްޓަކައި ކުރަން ހުރި ކަންތައްތަކާއެކު ޒުވާނުންގެ ހިޔާލު ހިމަނައިގެން އާ އީޖާދީ ވިސްނުންތަކުގެ މައްޗަށް ބިނާކޮށްފައިވާ މެނިފެސްޓޯއެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިިދިޔަ އަހަރުގެ އޯގަސްޓް މަހާ ހިސާބަށް މަބްރޫކް ހުންނެވީ ރައީސް އޮފީހުގެ ތަރުޖަމާނެއްގެ ވަޒީފާގައެވެ. ނަމަވެސް އެ މަގާމުން މަބްރޫކް އިސްތިއުފާ ދެއްވީ، އަމިއްލަ ވިޔަފާރީގައި އުޅުއްވުމަށް ކަމަށް ބުނަމުންނެވެ.

އޭރު އިސްތިއުފާ ދެއްވަމުން މަބްރޫކް ވިދާޅުވީ، ދެން ކުރިއަށް ދާންވީ ގޮތަކާމެދު ވިސްނުމަށް ބޭނުންވާ ކަމަށެވެ

ރައީސް އޮފީހުގައި މަބްރޫކް އެންމެ ފުރަތަމަ އަދާކުރެއްވީ ކޮމިއުނިކޭޝަން ހެޑް އެއްގެ މަގާމެވެ. އޭގެ ފަހުން ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ސަރުކާރުގެ ސްޕޯކްސް ޕާރސަންގެ މަގާމާ ހަވާލުވެ ވަޑައިގެން، ކޮވިޑްގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް މެދުނުކެނޑި ހުންނެވިއެވެ.

އޭރުވެސް މަބްރޫކް ވިދާޅުވަމުން ގެންދެވީ، ސިޔާސީ ހަރަކާތުގައި ޒުވާނުން އަމަލީ ގޮތުން ބައިވެރިވުން މުހިންމު ކަމަށެވެ. އަދި އެ ވަގުތަށް ސިޔާސީ މައުދާނުން ގެއްލުނަށް، އަދި ފެންނާނެ ކަމަށް އޭރުވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް