ނަޝީދުގެ ނޫސްވެރިންގެ ބައްދަލުމެއް މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ނޫސްވެރިންނާއި ބައްދަލު ކުރައްވަން ނިންމަވައިފި އެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު11:00 ގައި އެމްޑީޕީ އޮފީހުގައި އ...

14 Aug 2022 | 13:34

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ނޫސްވެރިންނާއި ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު11:00 ގައި އެމްޑީޕީ އޮފީހުގައި އެވެ.

ނަޝީދު ނޫސްވެރިންނާއި ބައްދަލު ކުރައްވަން ނިންމަވާފައި މިވަނީ މިއަދު ރާއްޖެ ވަޑައިގެންނެވުމަށް ފަހު އެވެ.

މި ބައްދަލުވުމުގައި ކުރިޔަށް އޮތް އެމްޑީޕީގެ ކޮންގްރެސް އާއި ސަރުކާރާއި އެކު ހީނަރުވެފައިވާ ގުޅުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާނެ ކަމަށް ބެލެވެ އެވެ. މި ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެމެދު ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައި އެވެ.

މި ފަހަރު އިނގިރޭސި ވިލާތުގައި ހުންނެވިއިރު ނަޝީދު ވަނީ، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތަށް އެ މަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު ބަންދުކުރުމުން ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ސީރިއަސް ތުހުމަތެއް ވެސް ކުރައްވައިފަ އެވެ.

އެ މައްސަލައިގައި ކޯފާވެ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސްގެ ބަރަހަނާ ފޮޓޯތަކެއް އެބަހުރި ކަމަށް ވިދާޅުވެފަ އެވެ. އެ ފޮޓޯތައް އާންމު ކުރައްވަންވީތޯ ސުވާލު ވެސް ކުރެއްވި އެވެ. އަދި ފަހުން ވިދާޅުވީ އެ ފޮޓޯތައް ހުރި ފޯން މީހަކު ފޭރިގެންފައިވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެފަދަ ފޮޓޯތަކެއް ނުހުންނާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން ފަހުން ވަނީ ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް