އައްޑު ސިޓީގެ މަގު ހެދުމުގެ މަސައްކަތް ނިމޭއިރު ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެ ސިޓީގެ މޭޔަރ އަލި ނިޒާރު ވިދާޅުވެއްޖެއެވެ.
މޭޔަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް އެކަންކުރާނަމަ، ރައްޔިތުންގެ އުއްމީދުގައި ކުލަ ޖެހިގެން ނުދާނެ ކަމަށެވެ. އަދި މަގު ހެދުމުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރާއި ކޮންސަލްޓެންޓަކީ އެއް ގައުމަކަށް ނިސްބަތްވާ ގުޅުން އޮތް ބައެއްކަމަށްވާތީ މަސައްކަތުގެ ފެންވަރާއި މަސައްކަތް ކުރަމުންދާ ގޮތުން ލިބޭ ޝަކުވާ ގިނަ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
https://twitter.com/DhekunuNizar/status/1558398223676428288
މޭޔަރު ނިޒާރު އިތުރަށް ވިދާޅުވީ ކައުންސިލުން ތަކުރާރުކޮށް މި ޝަކުވާތައް ޕްލޭނިންގ މިނިސްޓްރީއާ ހިއްސާ ކުރުމުން ގެންދާ ކަމަށާއި އެހެންނަމަވެސް ހައްލެއް ނުލިބި މި މަސައްކަތް ނިމޭއިރު މި މަގުތައް އައްޑޫ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
މީގެ އިތުރުން މި މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ބަަލަންވާ ވަރަކަށް ނުބަލާ ކަމަށް ވެސް މޭޔަރު ނިޒާރު ވިދާޅުވެފައިވެއެވެ.
މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ މަގު ހެދުމުގެ މަސައްކަތަކީ ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދޭ ވަރަށް ބޮޑު ހޭދައެއް ކަމަށާއި އައްޑޫ މަގުތައް ހަދާ ނިމޭއިރު ރަނގަޅު ފެންވަރަކަށް އަދި ގިނަ ދުވަހަށް ދެމިގެންދާ ގޮތަށް މަގުތައް ނިންމުމަކީ އައްޑޫ ރައްޔިތުންނާއި ސަރުކާރުން ވެސް އެދޭ ގޮތް ކަމަށެވެ.
މިކަމާއި ގުޅިގެން ޕްލޭނިންގ މިނިސްޓްރީން ބުނެފައިވަނީ އެ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ޕްލޭނާ އެއްގޮތަށް ކަމަށާއި މަސައްކަތް ކުރިއަށްދާ ގޮތް މިނިސްޓްރީން ވަރަށްގާތުން ކައިރިން ބަލަމުންދާ ކަމަށެވެ.
އެ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގައި މިވަގުތު ކަންބޮޑުވާންޖެހޭ މައްސަލަތަކެއް ހުރި ކަމަކަށް ނުފެންނަކަން ފާހަގަކޮށް ޕްލޭނިންގ މިނިސްޓްރީން ބުނީ ކާރިސާއެއް ކަހަލަ ބޮޑު ހާދިސާއެއް ދިމާނުވެއްޖެނަމަ އައްޑޫގެ މަގުތައް ހެދުން ކަނޑައެޅިފައިވާ ތާރީޚަށް ގާތްގަނޑަކަށް ނިންމާލެވޭނެ ކަމަށެވެ.
އައްޑޫ މަގުތައް ހެދުމުގެ މަސައްކަތް މިސަރުކާރުގައި އަލުން ފެށީ މިދިޔަ މާރޗް މަހުގެ ތެރޭގައެވެ.
އައްޑޫގައި 107 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު މިމަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުން އެގައުމުގެ އެގްޒިމް ބޭންކް މެދުވެރިކޮށް ހަމަޖައްސައިދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމުގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް