މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ގެ ބިޒްނަސް ސްކޫލްގައި ތައުލީމު ހާސިލް ކުރި 221 ދަރިވަރަކަށް ދަސްވެނިވިކަމުގެ ސަނަދުދީފިއެވެ.
ސްޓެލްކޯ މާލަމް ގައިބޭއްވި މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން ޑރ. އަބްދުﷲ ރަޝީދު އެވެ.
ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަސްވެނިން ސަނަދު ހާސިލުކުރި ދާއިރާތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން، އެސޯސިއޭޓް ޑިގްރީ، ހިމެނެއެވެ. އެއީ ސެޓްފިކެޓް ލެވެލް 3 ގެ 7 ދަރިވަރުންނާއި ސެޓްފިކެޓް ލެވެލް 4 ގެ 33 ދަރިވަރުންނާއި ޑިޕްލޮމާ ލެވެލްގެ 161 ދަރިވަރުންނާއި އެސޯސިއޭޓް ޑިގްރީގެ 20 ދަރިވަރުންނެވެ.
މި ދަރިވަރުންނަށް ސަނަދު ދެއްވީ ޑރ. އަބްދުﷲ ޝިހާމް އާއި ޑރ. އަޙްމަދު އަލި މަނިކް އެވެ.
ކޮވިޑު-19 ގެ ސަބަބުން ވޭތިވެ ދިޔަ ދެ އަހަރު ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބޭއްވިފައިނުވާއިރު، އެންމެ ފަހުން އެ އެކަޑަމީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2019 ގައެވެ. އެހެން ކަމުން މިފަހަރު މި ބޭއްވުނީ 2020 އަދި 2021 ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުއެވެ.
މި ހަފްލާ ގައި ޓޮޕް އެޗީވަރސް އެވޯޑް ހާސިލް ކުރި 7 ދަރިވަރުންނަށް ސެޓްފިކެޓާއި މެޑެލް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން ޑރ. އަބްދުﷲ ރަޝީދު އެވެ.
މިހަފްލާގައި ދަރިވަރުންނާއި މުޚާތަބު ކުރައްވާ އެމަނިކުފާނު ވިދާޅުވީ "މިއަދު އަޅުގަނޑުމެން ކުރިއަރައިގެންދާނީ އިނޮވޭޝަން އާއި ކްރިއޭޓިވިޓީން" ކަމަށެވެ.
އެހެންކަމުން ދަރިވަރުން ހާސިލް ކުރާ އިލްމް ޙާސިލް ކުރުމަކުން ނިމުނީކީ ނޫން ކަމާއި ތަޖުރިބާ ކޮށްގެން އެ އިލްމް ބޭނުން ކޮށްގެން އެއްޗިހި އުފައްދަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަޒީފާގެ ބާޒާރުގައި ކުރިއަށް ދެވޭނީ ދަރިވަރުންނަށް ލިބިފައި ހުރި އިލްމެއްގެ ބޭނުންކޮށްގެން ކުރިއަށްދާ ބައެއްގެ ގޮތުގައިވެގެން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ބިޒްނަސް ސްކޫލްގެ ޑެޕިއުޓީ ސީ. އީ. އޯ އަޒްލީން އަހްމަދު ދެއްކެވި ވާހަކައިގާ ވިދާޅުވީ އިލްމަކީ ފޮރުވައިގެން ގެންގުޅެންވީ އެއްޗެއް ނޫންކަމާއި، ކޮންމެ މީހަކީ ވެސް އެމީހަކަށް ލިބިފަ ހުރި އިލްމެއް އަނެކާއަށް ދަސްކޮށްދޭންޖެހޭނެ ކަމެއް ކަމަށެވެ. އަދި މިކަން ކުރާކަށް ކޮންމެމީހަކީ ޓީޗަރަކަށް ވާކަށް ވެސް ނުޖެހޭނެކަން ވަނީފާހަގަ ކުރައްވާފައެވެ.
މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އަކީ ދިވެހިރާއްޖޭގައި ދަތުރުފަތުރު ކުރުމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މުޙިއްމު މަގްސަދުގައި 2010 ވަނަ އަހަރު ކެޕްޓަން އާދިލް ރަޝީދުގެ މޭސްތިރި ކަމުގެ ދަށުން އުފެދުނު އެކަޑަމީ އެކެވެ. އަދި 2017 ވަނަ އަހަރު މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ގެ ބިޒްނަސް ސްކޫލް ވަނީ ވުޖޫދަށް ގެނެސްފައެވެ.
"މަ ކިޔަވާނީ ރަށުގަ" މިޝިޔާރުގެ ދަށުން 20 ރަށެއްގައި އައުޓްރީޗް ސެންޓަރ ތަކެއް ގާއިމް ކުރެވި ދަރިވަރުން ކިޔަވަމުން ދިޔައެވެ.
2019 ވަނަ އަހަރު ފަހުކޮޅު ދުނިޔެއަށް ދިމާވި ކޮވިޑްގެ ހާދިސާއާއި ގުޅިގެން، އެމް.ކިޔު.އޭގެ ފަރާތުން އޮންލައިންކޮށް ކިޔަވައިދިނުމަށް ދެވުނު ހުއްދައާއި ގުޅިގެން، ޚާއްސަކޮށް ކުދިރަށްރަށުގައި ކިޔަވަމުންދިޔަ ދަރިވަރުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބެމުން ދިޔައެވެ.
އެގޮތުން މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ "އެމް.އޭ.އެމް އައިލާރން" އުފެދިގެން ދިޔައެވެ.
2021 ވަނަ އަހަރު މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ގެ ފެކަލްޓީ އެއްކަމަށްވާ ޓިވެޓް ސްކޫލް އުފެދުނެވެ. މިއީ އެމް.އެން.އެސްޑީއޭ ޕްރޮގްރާމް ހިންގުމަށް ހާއްސަކުރެވިފައިވާ ގޮތްޕެއް. އަދި މި އެކަޑަމީގެ ދަށުން އެންމެ ފަހުން އިތުރުވީ އެމް، އޭ، އެމް، ޕްރީސްކޫލް ބައިއްޔާ ކެމްޕަސް އެވެ.
މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ތަސައްވުރަކީ ދިވެހިރާއްޖޭގައި ތަޢުލީމީ ހުނަރުވެރި ޤާބިލް ދަރިންތަކެއް އުފެއްދުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް