ދީނަށް ފުރައްސާރަ ކުރާ ރުސްތުމަށް ޖަލު ހުކުމް ކުރުމާއި އެކު މިނިވަން ވެއްޖެ

އިސްލާމް ދީނަށް ފުރައްސާރަ ކުރާ މުހައްމަދު ރުސްތުމް މުޖުތަބާ މިނިވަން ވެއްޖެ އެވެ. ގދ. ތިނަދޫއަށް ނިސްބަތްވާ ރުސްތުމް މި މައްސަލައިގަ އެންމެ ފަހުން ހައްޔަރު ކުރީ 2020 ވަނަ އަހަރު އެވެ. އޭނާގެ މައްޗަށް...

14 Aug 2022 | 08:12

އިސްލާމް ދީނަށް ފުރައްސާރަ ކުރާ މުހައްމަދު ރުސްތުމް މުޖުތަބާ މިނިވަން ވެއްޖެ އެވެ.

ގދ. ތިނަދޫއަށް ނިސްބަތްވާ ރުސްތުމް މި މައްސަލައިގަ އެންމެ ފަހުން ހައްޔަރު ކުރީ 2020 ވަނަ އަހަރު އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ތެރޭގައި ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތްކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ހިމެނެ އެވެ.

އޭނާ ވަނީ މި ދެކުށަށް އިއުތިރާފްވެފައި އެވެ. އަދި ދައުލަތާއި އެކު އިއުތިރާފު އެއްބަސްވުން ހަދާފައިވެ އެވެ.

މީގެ ތެރެއިން ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށުގެ ދައުވާ ސާބިތުވުމުން އޭނާގެ މައްޗަށް އަންނަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. އެކަމަކު އެ ކުށަށް ރުސްތުމް އިއުތިރާފުވެފައިވާތީ އޭނާއަށް ކޮށްފައިވަނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ސާބިތުވެ އިއްވާފައިވަނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެ ދައުވާއަށްވެސް އިއުތިރާފުވެފައިވާތީ 27 ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުވެފައިވަނިކޮށް، އެއް ކުށަށްްވުރެ ގިނަ ކުށަށް އިއުތިރާފުވެފައިވާތީ އެ އަދަދު ވަނީ 13 ދުވަހަށް މަދުވެފައި އެވެ.

އޭނާ މިނިވަންވީ ހަ މަހަށްވުރެ ގިނަ ދުވަހު ޖަލު ބަންދުގައި ހުރެފައިވާތީ އެވެ. އެ މުއްދަތު އުނި ކުރުމުން ބާކީ ރުސްތުމް ތަންފީޒު ކުރަން ޖެހޭ ޖަލު ހުކުމެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް