އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މައްޗަށް ކުރާ ކަށު ނަމާދު މިރޭ އިޝާ ނަމާދަށް ފަހު، ފުވައްމުލަކު ސިޓީގެ މަސްޖިދުލް އިނާރާ (ބޯޅަ މިސްކިތް) ގައި އޮންނާނެއެވެ.
ޢާއިލާގެ އެދުމަށް އޭނާގެ އުފަން ރަށް، ފުވައްމުލައް ސިޓީގައި ޝިއާގެ ކަށުނަމާދު ބާއްވާއިރު، އޭނާގެ ހަށިގަނޑު އެ ސިޓީއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަދު ހަވީރުއެވެ.
ޝިއާގެ ހަށިގަނޑު އިންޑިއާއިން ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރޭ ވަނީ މާލެ ގެނެސްފައެވެ. އަދި އޭނާގެ ހަށިގަނޑު މިވަގުތު އޮތީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީގައެވެ.
ޕޯސްޓްމޯޓަމް ރިޕޯޓު ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ޝިއާއުގެ މަރުގެ ތަހުގީގަށް ފުލުހުން މިހާރު ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިމަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ.
އެ މައްސަލައިގައި އުމުރުން 23 އަހަރުގެ އަލީ ޝާހިލް، ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޝިއާއު މަރާލައިފައި އޮއްވައި ފެނުނު އެޕާޓްމަންޓްގެ ތެރެއިންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޝިއާއުގެ މަރުގެ ތުހުމަތު ވަނީ ޝާހިލްއަށް އެކަންޏެވެ. ޝިއާއު މަރާލަން ބޭނުންކުރި ބައެއް ހަތިޔާރު އެ އެޕާޓްމަންޓުން ފެނިފައިވާ އިރު، މަރުގެ ތުހުމަތުވާ ޝާހިލް ވަނީ ޝަރީއަތް ނިމެންދެެން ބަންދުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް