ގޮދަން ފުށް ފެކްޓްރީގެ މަސައްކަތް އަންނަ އަހަރު ފަހު ކޮޅު ނިންމާލެވޭނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ މި މަސައްކަތަށް ކުރަން ޖެހޭ ދެ ކަމުގެ ތެރޭގައި އެއް ކަމަކީ އެ ފެކްޓްރީގެ އިމްރާތް އެޅުން ކަމަށާއި ދެވަނަ ކަމަކީ އެތަނަށް ބޭނުންވާ މެޝިނަރީޒް އާއި ސާމާނު ގެނައުން ކަމަށެވެ.
ދައުލަތުގެ ބަޖެޓުގައި ފުށް ސަބްސިޑީއަށް ބޮޑު ޚަރަދެއް ކުރަމުންދާއިރު، މި ފެކްޓްރީގެ ސަބަބުން އެ ޚަރަދު ކުޑަވެގެން ދާނެ ކަމަށާއި އޭގެ ސަބަބުން ރައްކާ ކުރެވޭ ފައިސާއިން ސަރުކާރުން އެހެން ކަންތައްތަކަށް ބޭނުން ކުރެވޭނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހިންނަށް ތާޒާކޮށް ފުށް ލިބޭނެ ގޮތް ތަނަވަސް ވެގެން ދާނެ ކަމަށާއި ފުށުގެ ރައްކާތެރިކަމުގެ ޔަގީން ކަން ލިބިގެން ދިއުމާއި ތަފާތު ވައްތަރުގެ ފުށް ލިބިގެންދާނެ ކަމަށް އަމްރު ވިދާޅުވިއެވެ.
ކުޅުދުއްފުށި ސިޓީގައި އެޅުމަށް ނިންމާފައިވާ މި ފެކްޓްރީ އަޅާނެ ކަމަށް އިއުލާން ކޮށްފައި ވަނީ މިދިޔަ އަހަރު ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް