އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ރާޖް ސްރިވާސްތަވާއަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެމުން އެބަދެ އެވެ.
އޭނާއަށް ފަރުވާ ދެމުން ދަނީ ވެރިރަށް ނިއުދިއްލީގެ އޭއައިއައިއެމްއެސް ހޮސްޕިޓަލްގައި އެވެ. އޭނާއަށް ހާޓް އެޓޭކު ޖެހުނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ރާޖަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ރާޖްގެ ހާލަތު އިތުރަށް ގޯސްނުވި ނަމަވެސް އޭނާގެ ސިނކުނޑި މަސައްކަތެއް ނުކުރެ އެވެ.
އާއިލާއިން ވަނީ އޭނާގެ ސަޕޯޓަރުންގެ ކިބައިން ހެޔޮ ދުއާ ކޮށްދިނުމަށް އެދިފަ އެވެ. އަދި ޑޮކްޓަރުން، ރާޖް ސަލާމަތް ކުރަން ބުރަ މަސައްކަތެއް ކުރާ ކަން ފާހަގަކޮށް އާއިލާއިން ޝުކުރު އަދާކޮށްފަވެ އެވެ.
ރާޖްއަށް ފަރުވާ ދޭން ފެށުމާއި އެކު އިންޑިއާގެ ސިޔާސީ ފަރާތްތަކާއި ފިލްމީ ދާއިރާގެ ގިނަ ބަޔަކު ދަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދެމުންނެވެ. އޭގެ ތެރޭގައި ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އަމީތާބު ބައްޗަން އާއި ސަމްބަވްނާ ސެތް ފަދަ ތަރިން ހިމެނެ އެވެ.
މަޝްހޫރު ކޮމީޑިއަން ރާޖް އަކީ މަޝްހޫރު ޝޯތައް ކަމަށްވާ "ދި ކަޕިލް ޝަރުމާ ޝޯ"، "ދި ގްރޭޓް އިންޑިއަން ލާފާ ޗެލެންޖު" ގެ އިތުރުން "ކޮމިޑީ ސާކަސް" ފަދަ ޝޯތަކުން ފެނިގެން ގޮސްފައިވާ ކުޅަދާނަ ފަންނާނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް