އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، ފޮތެއް ލިޔެގެން ދުނިޔޭގެ މަޝްހޫރުކަން ހޯދި ސަލްމާން ރުޝްދީއަށް ދިން ހަމަލާއަށް ފަހު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފި އެވެ.
އެކަން ޔަގީން ކޮށްދިނީ އޭނާގެ ބުކް އެޖެންޓު އެންޑްރޫ ވައިލީ އެވެ. އޭނާ ބުނީ ސަލްމާން ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި މިހާރު ވާހަކަވެސް ދައްކާ ކަމަށެވެ.
ފުރަތަމަވެސް ދެއްކީ މަޖާ ވާހަކަތަކެއް ކަމަށް ބުންޏެވެ. އެކަމަކު ވަޅި ހެރުމުގެ ސަބަބުން ސީރިއަސް ހާލަތަކަށް ދިޔަ މީހަކު އެއް ދުވަހުން މަޖާކޮށް ވާހަކަ ދައްކަން ފެށީ، ކިހާ ރަނގަޅުވެގެން ކަމެއް ނުބުނެ އެވެ.
އެހެންވެ ބުކް އެޖެންޓުގެ ވާހަކަތަކާއި މެދު މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.
ސަލްމާން ރުޝްދީއަށް ވަޅިން ހަމަލާ ދިނީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ނިއުޔޯގައި އޮތް މައުރަޒެއްގައި ވާހަކަ ދެއްކުމަށް ސްޓޭޖަށް އަރާ ހުއްޓަ އެވެ. މާސްކެއް އަޅައި ކަޅު ހެދުމެއް ލައިގެން ހުރި އެމީހާ ދިން ހަމަލާގައި ސަލްމާންގެ ކަރަށް 10-15 ފަހަރު ވަޅި ހަރައި ބަނޑަށްވެސް ވަޅި ހަރާފައިވެ އެވެ.
މި ހަމަލާގައި އޭނާގެ އެއް ލޮލުގެ ފެނުން ގޮސްދާނެ ކަމަށް ބުނެފައިވާއިރު ފުއްޕާމެއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އިއްޔެ މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ.
ހަމަލާ ދިނުމުގެ ކުށުގައި ނިއުޔޯކް ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 24 އަހަރުގެ ހާދީ މާތަރް ކިޔާ މީހެކެވެ.
ސަލްމާނަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެކެވެ.
އިސްލާމް ދީނާއި ދެކޮޅު “ދަ ސާތާނިކް ވާސަސް” ފޮތް އޭނާ ލިޔުނީ 1988 ވަނަ އަހަރު އެވެ. އުމުރުން މިހާރު 72 އަހަރުގެ ސަލްމާން އެ ފޮތް ލިޔުމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން އޭނާ މަރަން ޖެހޭ ކަމަށް ގޮވާލަން ފެށުމުން އުޅެމުން ދިޔައީ ވަރަށް ސިއްރު ދިރިއުޅުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް