ކުޑަ ކުއްޖަކާއި ގަދަ ކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ޕްރިންސް އެންޑްރިއުގެ މައްޗަށް ލޯ ސޫޓެއް ފައިލް ކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި ޕްރިންސް އެންޑްރިއުގެ މައްޗަށް ލޯ ސޫޓެއް ފައިލް ކޮށްފިއެވެ.އެމެރިކާގެ ކޯޓެއްގައި މި ދައުވާ ހުށަހަޅާފައި ވަނީ ޖެފްރީ އެޕްސްޓެއިންގެ ޖިންސީ ހަށިވިޔަފާރީގެ ޝިކާރައަކަށް ވެފައިވ...

14 Aug 2021 | 13:09

ޖިންސީ ގޯނާގެ ތުހުމަތުގައި ޕްރިންސް އެންޑްރިއުގެ މައްޗަށް ލޯ ސޫޓެއް ފައިލް ކޮށްފިއެވެ.އެމެރިކާގެ ކޯޓެއްގައި މި ދައުވާ ހުށަހަޅާފައި ވަނީ ޖެފްރީ އެޕްސްޓެއިންގެ ޖިންސީ ހަށިވިޔަފާރީގެ ޝިކާރައަކަށް ވެފައިވާ ކަމަށް ތުހުމަތު ކުރި ވަރޖީނިއާ ރޮބާރޓްސްއެވެ.

އިނގިރޭސިވިލާތުގެ ވަލީއަޙްދު އެންޑްރިއުއާއިއެކު މަޖުބޫރު ކޮށްގެން ޖިންސީ އަމަލުތައް ހިންގުވާފައިވާ ކަމަށް މީގެ ކުރިންވެސް ވަރޖީނިއާ ރޮބަރޓްސް ހާމަ ކޮށްފައި ވެއެވެ.2019 ވަނަ އަހަރު ބީބީސީއަށް ދިން ބަސްދީގަތުމެއްގައި އޭނާ ބުނެފައި ވަނީ އެޕްސްޓެއިން އޭނާ ކުޑަކުއްޖެއްގެ ގޮތުގައި ވަނިކޮށް  ޖިންސީ ހަށިވިޔަފާރި (ސެކްޝުއަލް ޓްރެފިިކިންގ) ކޮށްފައިވާ ކަމަށާއި، އެޕްސްޓެއިންގެ ރައްޓެހިންނާއި ދަންނަ މީހުންނާއިއެކު ޖިންސީ ގުޅުން ހިންގަން އޭނާއަށް މަޖުބޫރު ކުރުވާފައި ވާ ކަމަށެވެ.މީގެ ތެރޭގައި ޑޫކް އޮފް ޔޯރކް ޕްރިންސް އެންޑްރިއު ހިމެނޭ ކަމަށްވެސް ވަރޖީނިއާ ވަނީ ބުނެފައެވެ.

ޕްރިންސް އެންޑްރިއުއާއި ދެކޮޅަށް ވަރޖީނިއާ ރޮބާރޓްސް ކުރާ ތުހުމަތުތައް ބަކިންގަމް ޕެލެސްއިން ވަނީ ދޮގު ކޮށްފައެވެ.ސީއެންއެންއަށް ދިން ބަޔާނެއްގައި ޑޫކް އޮފް ޔޯރކް ވާރޖީނިއާ ރޮބާރޓްސްއާއިއެކު އެއްވެސް ކަހަލަ ޖިންސީ ގުޅުމެއް ހިންގާފައި ނުވާ ކަމަށް ބަކިންގަމް ޕެލެސްއިން ވަނީ ތަކުރާރުކޮށް ބުނެފައެވެ.އަދި މިފަދަ ހުރިހާ ތުުހުމަތަކީވެސް އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް ބަކިންގަމް ޕެލެސްއިން ބުނެއެވެ.2019 ވަނަ އަހަރު ދެއްވި ބީބީސީ އިންޓަރވިއުގައި ޕްރިންސް އެންޑްރިއުވެސް ވަނީ ވަރޖީނިއާގެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.އަދި ވަރޖީނިއާ ރޮބާރޓްސްއާއި ދުވަހަކުވެސް ބައްދަލު ވެފައި ނުވާ ކަމަށާއި، ދެ މީހުން އެއްކޮށް ތިބި ކަމަށް ބުނެ އާންމު ކޮށްފައިވާ ފޮޓޯއަކީ އެޑިޓްކޮށްފައިވާ ފޮޓޯއެއް ކަމަށްވެސް ޕްރިންސް އެންޑްރިއު ވަނީ ވިދާޅުވެފައެވެ.

ވަރޖީނިއާގެ ލޯ ސޫޓުގައި އޭނާ ވަނީ ޕްރިންސް އެންޑްރިއު އޭނާއާއިއެކު ކުޑަކުއްޖެއްގެ ގޮތުގައި ހުރި އިރު ޖިންސީ ހާނީއްކަ ކޮށްފައިވާ ކަމަށް ދައުވާ ކޮށްފައެވެ.އަދި އެޕްސްޓެއިންއާއި މެކްސްވެލްގެ ދައުވަތެއްގައި 2 ފަހަރެއްގެ މަތިން މިފަދައިން ޖިންސީ ހާނީއްކަ ކޮށްފައިވާ ކަމަށް ވަރޖީނިއާ ވަނީ ބުނެފައެވެ.މިކަން ހިނގާފައި ވަނީ އެމެރިކާގައި ހުންނަ އެޕްސްޓެއިންގެ ޕްރައިވެޓް ރަށުގައާއި ލަންޑަންގައި ކަމަށްވެސް ވަރޖީނިއާ އޭނާގެ ބަޔާނުގައި ބުނެފައި ވެއެވެ.ލޯ ސޫޓުގައި ވާގޮތުން ޕްރިންސް އެންޑްރިއު 17 އަހަރުގެ ވާރޖީނިއަށް ސެކްޝުއަލް އެސޯލްޓުގެ އިތުރުން ބެޓެރީގެ އަަމަލުތައް ވަނީ ހިންގާފައެވެ. ނިޔުރޯކުގެ ކޮމޮން ލޯވއާއި އެއްގޮތަށް، ޕްރިންސް އެންޑްރިއުގެ މައްޗަށް ބެޓެރީ އަދި އިންޓެންޝަނަލް އިންފްލިކްޝަން އޮފް އިމޯޝަނަލް ޑިސްޓްރެސްގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށާއި، ދައުވާ ކުރި ފަރާތަށް މި އަމަލުތަކުގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބިފައިވާ ކަމަށް މި ދައުވާގައި ވަނީ ތުހުމަތު ކޮށްފައެވެ.

ވަރޖީނިއާ ތުހުމަތު ކުރާ ގޮތުގައި ޕްރިންސް އެންޑްރިއުއަށް އޭނާގެ އުމުރާއި، އޭނާއަކީ ޖިންސީ ހަށިވިޔަފާރީގެ ޝިކާރައަކަށް ވެފައިވާ ކުޑަކުއްޖެއްކަން މާ ކުރިންވެސް އެނގެއެވެ.އަދި އެމީހުންގެ މުއްސަނދިކަމާއި ނުފޫޒު ގަދަކަމާއި ބަސް ވިކޭ ވަރު އެނގޭތީ، އެޕްސްޓެއިންއާއި މެކްސްވެލް އަދި ޕްރިންސް އެންޑްރިއުއާއި ދެކޮޅަށް ކަމެއް ކުރަން އޭރު ބިރުގަތީ ކަމަށްވެސް ވަރޖީނިއާ ވަނީ ބުނެފައެވެ.

2020 ވަނަ އަހަރު ކުރީގެ ނިޔުޔޯކުގެ ސަދާން ޑިސްޓްރިކްޓްގެ އެޓަރނީ ޖޮފްރީ ބާމޭން ވަނީ  އެޕްސްޓެއިންއާއި ގުޅޭ ގޮތުން ޕްރިންސް އެންޑްރިއުއާއި ސުވާލު ކުރެވުނު އިރު އެއްބާރުލުން ދެއްވާފައި ނުވާ ކަމަށް ވިދާޅުވެފައެވެ.އަދި މިއަދާއި ހަމައަށްވެސް މި މައްސަލައިގައި ޕްރިންސް އެންޑްރިއުގެ އެއްވެސް އެއްބާރުލުމެއް ލިބިފައި ނުވާކަން ބާމޭން ފާހަގަ ކުރައްވާފައި ވެއެވެ.އެމެރިކާގެ ޕްރޮސެކިއުޓަރުން އޭރު ޕްރިންސް އެންޑްރިއުއާއި ސުވާލު ކުރަން އުޅެފައި ވަނީ އެޕްސްޓެއިންގެ ސެކްސް ޓްރފިކިންގ މައްސަލއާއި ގުޅޭ ގޮތުންނެވެ.

މި ދައުވާއާއި ގުޅޭ ގޮތުން ވަރޖީނިއާގެ ވަކީލު ސިގްރިޑް މެކްކޯލީ ވިދާޅުވެފައި ވަނީ، ކިތަންމެ ގިނަ ބާރުތަކެއް ލިބިފައިވާ ނުފޫޒު ގަދަ މީހެއް ނަމަވެސް އަދި ވަލީއަޙްދެއް ނަމަވެސް އެމެރިކާގެ ޤާނޫނަށްވުރެ މަތީގައި ނުވާ ކަން މި ދައުވާއިން ސާބިތުވާ ކަމަށެވެ.

އެޕްސްޓެއިންއަށް 2019 ވަނަ އަހަރު ކުޑަކުދިން ޖިންސީ ހަށި ވިޔަފާރީގައި ބޭނުން ކުރާ ކަމުގެ ދައުވާ ކޮށްފައިވެއެވެ.ނަމަވެސް މި ދައުވާތަކަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ. އަދި މެންހަޓަންގެ ޑިޓެންޝަން ސެންޓަރެއްގައި އޭނާ ވަނީ މަރުވެފައި އޮއްވާ ފެނިފައެވެ. މި މައްސަލައިގައި ހިމެނޭ މެކްސްވެލްއަށް ވެސް ވަނީ 2020 ވަނަ އަހަރު 14 އަހަރުގެ ކުޑަކުދިން ހިމެނޭހެން ގްރޫމް ކުރުމާއި، ޖިންސީ ގޯނާ ކުރުމުގެ އިތުރުން މިފަދަ ކަންކަމަށް ކުޑަ ކުދިން ހޯދުމުގައި އިސް ދައުރެއް އަދާ ކުރާ ކަމުގެ ދައުވާ އުފުލާފައެވެ. މެކްސްވެލްވެސް ވަނީ މި ހުރިހާ ކަމަކަށް އިންކާރު ކޮށްފައެވެ.ޕްރިންސް އެންޑްރިއުއަށް މި ލޯވް ސޫޓު އައުމާއި ގުޅުގެން ގިނަ ބަޔަކު އަންނަނީ ޝާހީ އާއިލާގައި ޕްރިންސް އެންޑްރިއުގެ ދައުރަކީ ކޮބައިތޯ ސުވާލު އުފައްދާ ޕްރިންސް އެންޑްރިއުއަށް ފާޑު ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް