ކެނެޑާގައިވެސް ސަރުކާރު މުވައްޒަފުންގެ އިތުރުން ގިނަ ބަޔަކު ކޯވިޑް-19 ވެކްސިން ޖެހުން ލާޒިމް ކުރަނީ

ސަރުކާރުގައި މަސައްކަތް ކުރާ ޕަބްލިކް ސަރވަންޓުންގެ އިތުރުން އެހެނިހެން ގިނަ މަސައްކަތްތެރިން ކޮވިޑު ދިފާއު ވެކްސިން ޖެހުން ލާޒިމް ކުރުމަށް ނިންމާފައިވާކަން ކެނެޑާއިން ހުކުރު ދުވަހު އިއުލާން ކޮށްފިއެވ...

14 Aug 2021 | 13:03

ސަރުކާރުގައި މަސައްކަތް ކުރާ ޕަބްލިކް ސަރވަންޓުންގެ އިތުރުން އެހެނިހެން ގިނަ މަސައްކަތްތެރިން ކޮވިޑު ދިފާއު ވެކްސިން ޖެހުން ލާޒިމް ކުރުމަށް ނިންމާފައިވާކަން ކެނެޑާއިން ހުކުރު ދުވަހު އިއުލާން ކޮށްފިއެވެ.

ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ކޮވިޑު ބަލި މީހުންގެ އަދަދުތައް ދުނިޔޭގައި މަތި ވަމުން ދާއިރު، ކެނެޑާއިން އަންނަނީ މިހާރު ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ވެކްސިންގެ ބޫސްޓަރ ޑޯޒެއްގެ ގޮތުގައި 3 ވަނަ ޑޯޒެއް ދިނުމުގެ މަސައްކަތްވެސް ކުރަމުންނެވެ.ކެނެޑާގެ ވެކްސިން މެންޑޭޓްގެ ތެރޭގައި ވައިގެ މަގުން ދަތުރު ކުރާ މީހުންނާއި، ރޭލުން ދަތުރު ކުރާ މީހުންގެ އިތުރުން ކުރޫޒް ޝިޕްތަކުން ދަތުރު ކުރާ މީހުންވެސް ހިމެނިގެން ދާނެއެވެ.ކެނެޑާގެ އިންޓަރ ގަވަރމަންޓަލް އެފެެއަރޒް މިނިސްޓަރު ޑޮމިނިކް ލެބްލާންކް މި ފިޔަވަޅުތަކާއި ގުޅޭ ގޮތުން ވިދާޅުވީ އޮކްޓޯބަރު މަހުގެ ފަހުކޮޅާއި ހަމައަށް ސަރުކާރު މުވައްޒަފުންނަށް ވެކްސިން ޖެހުން ލާޒިމް ކުރާނެ ކަމަށާއި، ސަރުކާރުން ހިއްސާވާ ހުރިހާ ކުންފުންޏަކާއި އެހެނިހެން ފެޑެރަލް މުވައްޒަފުންވެސް މި ފިޔަވަޅުތަކާއި އެެއްގޮތްވާ ގޮތުގެ މަތިން ވަޒީފާއަށް ނެރުމަށް ކުންފުނިތަަކަށް އިލްތިމާޒް ކުރައްވާ ކަމަށެވެ.

ލެބްލާންކް ވިދާޅުވީ ކޮވިޑު ޕެންޑެމިކް ހުއްޓުމަކަށް ގެނެސް އިޤްތިސާތު ކޮޅަށް ޖެހުމަށްޓަކައި ފެޑެރަލް ޕަބްލިކް ސަރވިސްއިން މި މެންޑޭޓަށް ކަމޭ ހިތުން މުހިންމު ކަމަށެވެ.މީގެ އިތުރުން، ލެބްލާންކް ވިދާޅުވި ގޮތުގައި ސިއްޙީ އެކިއެކި މައްސަލަތަކުގެ ސަބަބުން ވެކްސިން ޖެހުމަށް އުޒުރުވެރިވާ ފަރާތްތަކަށް ފަސޭހަ ކަމާއިއެކު ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތްތައް އިންތިޒާމް ކުރެވިގެން ދާނެ ކަމަށެވެ.

ކެނެޑާގެ ޓްރާންސްޕޯޓު މިނިސްޓަރު އޮމަރު އަލްޣަބްރާ ވިދާޅުވި ގޮތުގައި ބައެއް ދަތުރުވެރިންގެ އިތުރުން، ސަރުކާރުން ހިންގާ ވައިގެ ދަތުރުފަތުރާއި، ރޭލް ދަތުރުތަކާއި ކަނޑުދަތުރުފަތުރުގައި ހަރަކާތްތރިވާ ހުރިހާ މުވައްޒަފުންނަށްވެސް ވެކްސިން ޖެހުން މަޖުބޫރު ވާނެ ކަމަށެވެ.މީގެ ތެރޭގައި ހުރިހާ ކޮމާރޝަލް ދަތުރުވެރިންނާއި، އެކި ޕްރޮވިންސުތަކަށް ދަތުރު ކުރާ ދަތުރުވެރިންގެ އިތުރުން ބޮޑެތި ކަނޑު މަތީގެ އުޅަނދު ފަހަރުގައި ރޭ ކުރާ ދަތުރުވެރިންވެސް ހިމެނޭނެ ކަމަށް އަލްޣަބްރާ ވިދާޅުވިއެވެ.

ކެނެޑާގެ އެންމެ ބޮޑު 2 އެއަރލައިން ކަމަށްވާ އެއަރ ކެނެޑާއާއި ވެސްޓްޖެޓް ވަނީ ސަރުކާރުގެ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ.ކެނެޑާގައި 300،000 ސަރުކާރު މުވައްޒަފުން ނުވަތަ ފެޑެރަލް ޕަބްލިކް ސަރވަންޓުން ހިމެނޭ އިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ކޯޕަރޭޝަންތަކުގައި އިތުރު އެތައް ލައްކަ މުވައްޒަފުންނެއް މަސައްކަތް ކުރެއެވެ.ކެނެޑާގެ ގިނަ ރައްޔިތުން ވެކްސިން ޖެހިކަން ކަށަވަރު ކުރުމަށް ބޭނުން ކުރާ ޕްރޫފް އޮފް ވެކްސިނޭޝަން ނިޒާމަށް ތާއީދު ކުރެއެވެ.ކެނެޑާއަކީ ދުނިޔޭގައިވެސް ކޮވިޑު 19 ދިފާއު ވެކްސިން އެންމެ ރަނގަޅަށް ފުރިހަމަ ކުރަމުން އަންނަ އެއް ޤައުމުކަންވެސް ފާހަގަ ކޮށްލެވެއެވެ. އެގޮތުން، ވެކްސިން ޖެހޭ މީހުންގެ އާބާދީގެ 82 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވާއިރު، އެ އާބާދީގެ 71 އިންސައްތަ މީހުން ވަނީ ވެކްސިންގެ 2 ޑޯޒުވެސް ފުރިހަމަ ކޮށްފައެވެ.

ކެނެޑާއެކޭ އެއްފަދައިން ގިނަ ޤައުމުތަކުން މިހާރު އަންނަނީ ހެލްތު ކެއަރ މުވައްޒަފުންނާއި ގޭގޭގައި މަސައްކަތް ކުރާ ކެއަރ ހޯމް މުވައްޒަފުން ވެކްސިން ޖެހުން ލާޒިމް ކުރަމުންނެވެ.އަދި ބައެއް ޤައުމުތަކުގައި ރެސްޓޯރެންޓުފަދަ އާންމު ތަންތަނަށް ވަނުމުގައި ވެކްސިން ޖެހި ކަމުގެ ހެކި ބޭނުން ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް