ސަރުކާރާއި މަޖިލިސް ލިބިފައިވާއިރު، ރައްޔިތުންގެ އަޑު އަހައި ކުލި ކުޑަކޮށްދިނުމަކީ ރައްޔިތުންގެ އުންމީދު ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަޑު އެހުމަކީ ޑިމޮކްރަސީގެ އަސާސީ ސިފައެއް ކަމަށާއި ފުލެޓްގެ ކުއްޔާއި ޢާއިލީ ވިޔަފާރިއާއި ގުޅުމެއްނެތްކަން ސާބިތުކޮށްދިނުމަށް ވެސް ކުލި ކުޑަކުރަންޖެހޭ ކަމަށެވެ.
https://twitter.com/Adamshareefz/status/1426446381175107584
އާދަމް ޝަރީފް މި މޭރުމުން ވިދާޅުވި އިރު، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ނުކުރާނެ ކަމަށާއި އެކަން ކުރެވެން ނެތް ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވަނީ ވިދާޅުވެފަ އެވެ.
ސުހައިލް ވިދާޅުވީ ފްލެޓްތަކުގެ ކުއްޔަކީ 7500 ރުފިޔާ ކަމަށާއި ކުލި ކުޑަކޮށްފި ކަމަށްވާނަމަ ލޯނު ދެއްކުމަށް ވަރަށް ދަތިވާނެ ކަމަށެވެ. އެހެންކަމުން ކުލި ކުޑަކުރެވެން ނެތް ކަމަށް ސުހައިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި، ލުއި ދެވެން ހުރި ކަންކަމުގައި ލުއިތައް ދީފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ދައުރުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފް ޢުމަރު މިފަދައިން ވިދާޅުވެފައި މިވަނީ ހިޔާ ފްލެޓު ލިބުނު މީހުންގެ ކަންބޮޑުވުންތައް ހާމަކުރުމަށް "ހިޔާ ޔޫނިއަން" އިން ސުލްހަވެރި އިހުތިޖާޖެއް އިއްޔެ ހަވީރު ބާއްވާފައި ވަނިކޮށެވެ.
މި އިހުތިޖާޖު ބާއްވާފައިވަނީ ހުޅުމާލޭ ފޭސް 2 ގެ (H08 އާއި H12) އާއި ދެމެދު އިއްޔެ ހަވީރު 16:05 އިން 16:40 އަށެވެ.
ސުލްހަވެރި އިހުތިޖާޖުގައި ހިޔާ ފްލެޓު ލިބުނު ފަރާތްތަކުން ބުނީ އެ ފަރާތްތަކުން ޑިމާންޑު ކުރަނީ ފްލެޓްތަކުގެ މަހު ކުލި -/5600ރ އަށް ހެދުމަށާއި އިންޓީރިއާ ފިނިޝިން އަށް 12 މަހުގެ ގުރޭސް ޕީރިއެޑްދިނުމަށް ކަމަށެވެ. އަދި ފްލެޓުތަކުގެ ޔުނިޓަކަށްޖެހޭ ޖުމްލަ އަގުން ޔުނިޓުގެ އިންޓީރިއާއަށް ޚަރަދުވާ އެވްރެޖް އަގު ކަމުގައިވާ 100،000ރ ޖުމްލަ އަގުން މަޢާފްކޮށްދިނުމަށް ކަމަށެވެ.
ހިޔާ ޔޫނިއަން އިން އަންނަނީ، ފްލެޓު ލިބުނު މީހުންގެ ކަންބޮޑުވުންތައް ކަމާއިގުޅުންހުރި އެކި މުވައްސަސާތަކަށް ފޯރުކޮށްދެމުން ނެވެ.
އެގޮތުން ރައީސް އޮފީސް، ހައުސިންގ މިނިސްޓްރީ، އެޗްޑީސީ އަދި ބީއެމްއެލް އަށް ވަނީ ހިޔާ ޔޫނިއަން އިން ގޮސް މަޝްވަރާތައް ކޮށްފަ އެވެ.
އެ މަޝްވަރާތަކުގެ އަލީގައި ވީހާވެސް އަވަހަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެ ޔޫނިއަން އިން އުއްމީދު ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް