ވަޒީރުންވެސް ޤާނޫނީ ނިޒާމަށް އިތުބާރުނުކުރާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދުސްތޫރީ މަސްއޫލިއްޔަތު ސާފު ނުވޭތޯ ސުވާލުކުރައްވާފަ އެވެ.
"މަނިކުފާނުގެ ވަޒީރަކު ފާޅުގައި މަނިކުފާނުގެ ކަމިޝަންތަކާއި މުއައްސަސާތައް ބޭޒާރުކުރާ ވާހަކަ ދައްކާއިރު އަދުލުވެރިކަމުގެ ޒައްރެއްވެސް ނެތްކަން ކަށަވަރު. މުޅި ވެރިކަން ޖޯކަކަށްވެއްޖެ." ޑރ. ޖަމީލުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
https://twitter.com/MJameelAhmed/status/1426463837511766016
ޑރ. ޖަމީލު މިފަދައިން ޓްވީޓު ކުރައްވާފައިމިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ދަޢުވާކޮށް މައްސަލަ ކޯޓަށް ފޮނުވައިފިނަމަ ދައުލަތް ”އޮރިޔާންވާނެ“ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެފައިވާ ވަނިކޮށެވެ.
މަހްލޫފް ވިދާޅުވެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރްޔަމް ޝިއުނާއާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އައްސަދު ކުރައްވަމުން ގެންދަވާ ކަންކަން ފެންނާނެ ޗެޓްލޮގްތަކެއް އޭނާ އަތުގައި އެބަހުރި ކަމަށެވެ. އަދި އޭނާގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފިނަމަ، ޝަރީޢަތާއި ހިސާބުން އެ ވާހަކަތައް ތިލަކުރައްވާނެ ކަމަށެވެ.
"އޭރުން ދައުލަތް އޮރިޔާންވާނެ." މަހްލޫފު ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް