ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ނުކުރާނެ ކަމަށާއި އެކަން ކުރެވެން ނެތް ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ހުރަވީ ސްކޫލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާއެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ.
ސުހައިލް ވިދާޅުވީ ފްލެޓްތަކުގެ ކުއްޔަކީ 7500 ރުފިޔާ ކަމަށާއި، ކުލި ކުޑަކޮށްފި ކަމަށްވާނަމަ ލޯނު ދެއްކުމަށް ވަރަށް ދަތިވާނެ ކަމަށެވެ. އެހެންކަމުން ކުލި ކުޑަކުރެވެން ނެތް ކަމަށް ސުހައިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި، ލުއި ދެވެން ހުރި ކަންކަމުގައި ލުއިތައް ދީފައިވާ ކަމަށެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ނުކުރެވޭނެ ކަމަށް ސުހައިލް ވިދާޅުވެފައިވާއިރު، ހިޔާ ފްލެޓު ލިބުނު މީހުންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ހިޔާ ޔޫނިއަނުން ސުލްހަވެރި އެއްވުމެއް ހުކުރު ދުވަހުގެ ހަވީރު ބާއްވާފައިވެއެވެ. މި އެއްވުމުގައި ކުލި ކުޑަކޮށްދިނުމަށް ގޮވާލާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް