ހިޔާ ފްލެޓްތަކަށް ޖެނުއަރީ މަހުން ފެށިގެން ކުލި ނަގަން ފަށަނީ

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފްލެޓްތަކުން ޖެނުއަރީ މަހުން ފެށިގެން ކުލި ނަގަން ފަށާނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވ...

14 Aug 2021 | 08:57

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފްލެޓްތަކުން ޖެނުއަރީ މަހުން ފެށިގެން ކުލި ނަގަން ފަށާނެ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހޮނިހިރު ދުވަހު ހުރަވީ ސްކޫލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެމްޑީ ސުހައިލް ވިދާޅުވީ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް މުއްދަތު އިތުރު ކުރުމަށް ގިނަ ބަޔަކު އެދުމާއެކު އެކަން ކޮށްދީފައިވާ ކަމަށެވެ. އެގޮތުން ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ޑިސެންބަރުގެ މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ،

ސުހައިލް ވިދާޅުވީ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހުށަހަޅަން ޖެހޭ ފޯމު 1000 އަށް ވުރެ ގިނަ މީހުން ހުށަހަޅާފައި ނުވާކަމަށެވެ، އޭނާ ވިދާޅުވީ ދައުވަތު ދިން ނަމަވެސް 300ށް ވުރެ ގިނަ މީހުން ސޮއިކުރުމަށް ނާންނަ ކަމަށެވެ.

ދެވަނަ ފަހަރަށް ޝެޑިއުލް ކުރެވިފައިވާ ކަމަށާއި، މިފުރުސަތުގައި ސޮއިކުރުމަށް އައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމަހުގެ 17ން ފެށިގެން ކަރަންޓުގެ ޚިދުމަތް ދެވޭނެ ކަމަށާއި، ފްލެޓަށް ވަދެ މަސައްކަތްތައް ފެށޭނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ތަނުގެ ތަޅުދަނޑި ވެރިމީހާއާ ހަވާލުކޮށް، ތަން ހަވާލުކުރި ކަމުގެ ލިޔުން ދެނީ ހިޔާ ފްލެޓް ސަރަހައްދުންނެވެ. އެއާއެކު ފްލެޓަށް ގެންނަން ބޭނުންވާ އިތުރު ބަދަލުތައް ގެނައުމަށް ޚާއްސަ ހުއްދައަށް އެދޭ ފޯމާއި، ފެން ގުޅުމުގެ މަސައްކަތް ވެސް އެ ސަރަހައްދުން ވަގުތުން ފުރިހަމަ ކޮށްދެއެވެ. ތަނުގެ ވެރިމީހާގެ ހާޒިރުގައި ފެން ގުޅައިދިނުމުގެ މަސައްކަތް ވެސް އަންނަނީ ވަގުތުން ކޮށްދެމުންނެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް ފްލެޓުގެ މެނޭޖްމަންޓު ފީއާއެކު ދައްކަން ޖެހެނީ މަހަކު 8،500 ރުފިޔާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެޗްޑީސީން ބުނީ ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް