ރ. މަޑުއްވަރީ މަސްޖިދުލް އަމާނާގެ މުދިމް މުހައްމަދު މައުޖޫދު ވަޒީފާއިން ވަކި ކުރުމުން އޭނާގެ ދިފާއުގައި އެ ރަށު ކައުންސިލުން ބަޔާނެއް ނެރެފި އެވެ.
ކައުންސިލަރުން ސޮއިކޮށް މަޑުއްވަރީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ 2019 ވަނަ އަހަރުގެ ފަހުކޮޅުގައި އެރަށުގައި ސަލާމަތީ ބާރުތަކުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ކުރިއަށް ދިޔަ އިރު 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މައުޖޫދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
މައުޖޫދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކުޑަކުދިންތަކެއް ލައްވާ ބަންގި ގޮވާ ނަމާދުކުރުވައި އެކުދިންނަށް ނަސޭހަތް ދީ، ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ތުހުމަތުގައި ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.
އެހެން ނަމަވެސް ހައްޔަރުކުރިތާ 2 މަސް ފަހުން ޝަރުތުތަކަކާއެކު މައުޖޫދު ބަންދުން ދޫކޮށްލާފައިވާ ކަމަށާއި ބަންދު ކުރި ދުވަސްތަކުގެ މުސާރައާއެކު ވަޒީފާއަށް ވެސް ނެރުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާކަމަށް ކައުންސިލުން ބުނެ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކޮށް ދައުލަތުން ކުރި ދައުވާއަކީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތުހުމަތު ނޫން ކަމަށް ކައުންސިލުން ބުނެ އެވެ.
އެގޮތުން ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ މައުޖޫދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަކީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފޮޓޯއެއް ގެންގުޅުނު ކަމުގެ ދައުވާ ކަމަށެވެ.
މައުޖޫދު ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނެއްގެ ދަށުން އެ ގާނޫނެއްގެ ބެލެނިވެރިކަން ލިބިފައިވާ ފަރާތުން ކުރާ ތަހުގީގަކުން މުވައްޒަފަކު ކުށެއް ކޮށްފައި ވާކަން ސާބިތު ވުންކަމަށް ޗިޓުގައި ވެއެވެ. އެހެން ނަމަވެސް މި މައްސަލައަކީ މިހާރުވެސް ޝަރީއަތުގައި ހިނގާ މައްސަލައެއް ކަމަށާއި މައުޖޫދުއާ ދެކޮޅަށް ޝަރީއަތުގައި އެއްވެސް ކަމެއް ސާބިތުވެގެން ހުކުމެއް ކޮށްފައިވާކަން މިހާތަނަށް ކައުންސިލަށް އެނގިފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ.
ކައުންސިލުން ބުނީ މި މައްސަލައާ ގުޅިގެން މިނިސްޓްރީގެ އެޗްއާރުއެމްޑީ ކޮމިޓީން އޭނާ ވަޒީފާއިން ވަކިކުރުމުގެ އިސްލާހީ ފިޔަވަޅު އެޅުމަށް ނިންމިކަން އަންގާފައިވާ ކަމަށެވެ. އަދި 2020 ވަނަ އަހަރުގެ އޮގަސްޓް މަހު މައުޖޫދު މި މައްސަލައިގައި ޖަވާބުދާރީވުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އެ މުއްދަތުގެ ތެރޭގައި މައުޖޫދު ވަނީ ވަރަށް ތަފްސީލުކޮށް ކަންހިނގައިދިޔަ ގޮތް ބަޔާންކޮށް މިނިސްޓްރީއަށް ޖަވާބު ދީފައި ކަމުގައި ކައުންސިލުން ބުނެއެވެ.
ބަންދުން ދޫކޮށްލިފަހުން އަދި ބަންދު ކުރުމުގެ ކުރިން ވެސް މައުޖޫދުގެ ކިބައިން މިނިސްޓްރީން ފާހަގަކުރި އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށާ ރަށުގައި ބަންގިގޮވާ ނަމާދުކުރާނެ މީހަކު ނެތިދިޔަ ދަނޑިވަޅުގައި އެކަމާ ހަވާލުވެގެން މަސައްކަތް ކުރަން ފެށި ފަރާތެއް ކަން މިނިސްޓްރީއަށް އަންގާފައި ވާކަމަށް ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.
ކައުންސިލުން ބުނީ ދީނީ ހަރުކަށި މީހުންނަކީ އާންމުކޮށް މިސްކިތުގެ ޖަމާއަތުގައި ބައިވެރިނުވާ، ހުކުރު ނަމާދުގައި ބައިވެރިނުވާ އަދި ކަށުކަމާކެމީގެ ކަންކަމުގައި ވެސް ބައިވެރިނުވާ ބައެއް ކަމަށެވެ. މިއާ ހިލާފަށް މައުޖޫދު ފާހަގަ ކުރެވިފައި ވަނީ މި ކަންކަމުގައި ފުރިހަމަޔަށް ބައިވެރިވާ އަދި ހުކުރު ކުރުމުގައި ވެސް އެންމެ އިސްކޮށް މަސައްކަތްކުރާ، މިސްކިތުގެ ޖަމާއަތުގައި ބައިވެރިވުމަށް މީހުންނަށް ބާރުއަޅާ މީހެއްގެ ގޮތުގައި ކަމަށް ކައުންސިލުންް ބުނެއެވެ.
ކައުންސިލުން ވަނީ މައުޖޫދު އަލުން އަނބުރާ ވަޒީފާ އިއާދަކުރުމަށް ސިވިލް ސަރވިސް ކޮމިޝަން އާއި އިސްލާމިކް މިނިސްޓްރީއަށް ގޮވާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް