ކޯވިޑް-19 އިން ދިފާއުވުމަށް ރަޝިޔާގައި އުފެއްދި ވެކްސިން، ސްޕަޓްނިކް ރާއްޖެއަށް ނުގެންނާނެކަން ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ.
ރާއްޖެއިން ސްޕަޓްނިކް ވެކްސިންގެ ދެ ލައްކަ ޑޯޒް ގަތުމަށްޓަކައި އިނީޝިއަލް އެގްރީމަންޓެއްގައި ސޮއިކުރި އެވެ. އެހެންނަމަވެސް ވެކްސިން ވެކްސިން ގަތުމަށްޓަކައި އޮންނަ އެއްބަސްވުމުގައި ސޮއި ކޮށްފައެއް ނުވެ އެވެ.
މީޑިއާ އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ނިންމާފައިވަނީ ސްޕަޓްނިކް ވެކްސިން ރާއްޖެ ނުގެންނަ ގޮތަށް ކަމަށެވެ.
ސްޕަޓްނިކް ނުގެންނަން ސަރުކާރުން މި ނިންމީ ރާއްޖޭގެ ވެކްސިންޖެހޭ އާބާދީއަށް ވާވަރަށް ވެކްސިން ލިބިފައިވާތީ ކަމަށް ބެލެވެ އެވެ. ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީއަށް ވާ ވަރަށް ކޮވިޝީލްޑް، އެސްޓްރާޒެނިކާ އާއި ސިނޮފާމް އަދި ފައިޒާ ވެކްސިންގެ ސްޓޮކް ރާއްޖޭގައި އެބަ ހުއްޓެވެ.
ޑަބްލިއުއެޗްއޯގެ ކޮވެކްސް ފެސިލިޓީގެ ދަށުންނާއި އެކި ގައުމުތަކުން ވަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދީފަ އެވެ. ދާދިފަހުން ވެސް ރާއްޖެއަށް ފައިޒާ ވެކްސިންގެ 128،700 ޑޯޒް ލިބިފައި ވެއެވެ.
ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތައަށް ވެކްސިން ޖެހުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް