އިނގިރޭސި ވިލާތުގެ ރެޑްލިސްޓު ރިވިއުކުރާއިރު، ރާއްޖެ އުނިކުރުމަށް މަސައްކަތް ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ލިސްޓުން އުނިކުރުމަށް ފުރިހަމަ ކުރަން ޖެހޭ ކްރައިޓީރިއާއި އެއްގޮތަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ކޭސްތަކުގެ އަދަދުތައް ހުރީ ކްރައިޓީރިއާގައި ބަޔާންކޮށްފައިވާ އަދަދަށް ވުރެ ދަށުގައި ކަމަށެވެ.
މި ލިސްޓުގައި ރާއްޖެ އަދިވެސް އޮތުމުން އިނގިރޭސިވިލާތަށް ދަތުރުކުރަން ބޭނުންވާ ދިވެހިން ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ ދެން އަންނަ ބުރުގައި އެ ލިސްޓުން ރާއްޖެ އުނިވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އިނގިރޭސިވިލާތުން ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓު އޮންނަނީ ގްރީން، އެމްބަރ، އަދި ރެޑް ކެޓަގަރީ އެވެ.
ރެޑް ލިސްސްޓުގައި ހިމެނޭ ގައުމުތަކަށް ދަތުރުކުރުން މަނާވާ އިރު، އެ ގައުމުތަކުން އިނގިރޭސިވިލާތަށް ދާ މީހުން ވެސް އަމިއްލަ ޚަރަދުގައި ވަކި ގެސްޓު ހައުސްއެއްގައި 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހޭނެ އެވެ.
އިނގިރޭސިވިލާތުގެ ރެޑް ލިސްޓަށް ރާއްޖެ ލީ މިދިޔަ މެއި މަހު ކޮވިޑް-19ގެ ތިންވަނަ ރަޅުގެ ސަބަބުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް