ސާފް ޗެމްޕިއަންޝިޕް 2021 އަކީ ދިވެހިރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެ އެންމެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެ ކަމުގެ އިޝާރާތެއް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވައިފި އެވެ.
ޕީއެސްއެމްގެ "އެކްސްކްލޫސިވް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ޓީމަށް ކުޅުންތެރިން އެރުވުމުގެ ބާރު ނެތް ކަމަށާއި ނަމަވެސް މިފަހަރުގެ ސާފް ބިޑު ދިވެހިރާއްޖެއިން ކާމިޔާބުކުރިތާ 15 ވަރަކަށް މިނެޓުފަހުން ރާއްޖޭގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭއާއި ދިމާވި ކަމަށެވެ. އަދި ދެކެވުނު ވާހަކަތަކުގެ ތެރޭގައި މިފަހަރުގެ މުބާރާތަށް މިހާރުން ފެށިގެން ރަނގަޅަށް ފިޓުވާން ޖެހޭނެކަމަށް އޭނާ ގާތު ބުނެފައިވާ ކަމަށެވެ.
ބައްސާމް ވިދާޅުވީ، އީގަލްސްއަށް ގުޅުނު ދުވަހުން ފެށިގެން ވަރަށް ވަރުގަދައަށް ތައްޔާރުވާން ފައްޓާނަމޭ އޭނާ ގާތު ދަގަނޑޭ ވިދާޅުވި ކަމަށެވެ.
"ފަހަރުގައި މި ވެދާނެއޭ އަހަރެން ކުޅޭ ފަހު ސާފް މުބާރާތަށް ވެސް. އެއީ ކާމިޔާބު މުބާރާތަކަށް ހަދަން ވެސް ވަރަށް ބޮޑަށް ބޭނުންވާ ސަބަބެކޭ،" ދަގަނދޭ ވިދާޅުވި ކަމަށް ބައްސާމް ވިދާޅުވި އެވެ.
ބައްސާމް ވިދާޅުވީ މި ތާރީޚީ ސާފް ޗެމްޕިއަންޝިޕާއި ކުރިމަތިލާއިރު ދަނޑަށް ސަޕޯޓަރުން ވެއްދުމާއި މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށާއި ނަމަވެސް ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކު ވެކްސިން ފުރިހަމަކޮށްފި ނަމަ ރަނގަޅު ފުރުސަތުތަކެއް ސަޕޯޓަރުންނަށް ލިބިގެންދާނެ ކަމަށެވެ.
ދަގަނޑޭ އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕެއް ކުޅެފައިވަނީ 2015 ވަނަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމް ގައި ބޭއްވި މުބާރާތުގަ އެވެ.
އުމުރުން 35 އަހަރުގެ ދަގަނޑޭ އަކީ ސާފް ޗެމްޕިއަންޝިޕުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ.
މި ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިންގެ ގޮތުގައި ހިމެނޭ ދަގަނޑޭ މީގެ ކުރިން ވަނީ މެލޭޝިއާގެ ކުލަބަކަށް ވެސް ކުޅެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް