ދިވެހި ތާރީޚުގައި ވެސް ހިންގި އެންމެ ބޮޑު ޚިޔާނާތް "އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތު"ގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވިޔަސް، އެ މައްސަލައިގައި ޖަލަށް ލެވޭ ވަރަށް ހެކި ނުހުންނާނެ ކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ "ވަގުތު" އިން ކްލައިބް ހައުސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ "ހަވާސް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ނެވެ.
ވަޒީރު ވިދާޅުވީ އެ މައްސަލައިގައި ޖަލަށް ނުލެވޭނެ ކަމަށާއި ބޮޑު ވަރަކަށް ވެސް ކުރެވޭނެ ކަމަކީ މަގާމުން ވަކިކުރުން ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓްގައި ނަން އޮތަސް، އެކަމުގައި ބައިވެރި ނުވާ ކަމަށެވެ.
މީގެ އިތުރުން މަގާމުން ވަކިވިޔަސް ނުކުމެގެން ދާނީ "މޭ ފުއްޕާލާފައި" ފަޚުރުވެރިކަމާ އެކުގައި ކަމަށް މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފު ވިދާޅުވީ އެމަނިކުފާނު މަގާމުގައި ހުންނެވި އިރު ކުރެއްވި މަސައްކަތާ މެދު ފަޚުރުވެރިވާ ކަމަށާއި ބައެއް މީހުންނަށް އެކަން ހަޖަމްނުވާ ކަމަށެވެ. އަދި ބައެއް ބޭފުޅުން ވަޒީރުކަމުގެ ދައުރު ހަމަވި އިރު ދަމާލި ރޮނގެއްހާ ހިސާބު ނެތް ނަމަވެސް މަހްލޫފް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރި މަސައްކަތް ފެންނަން ހުންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިިބުނު ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ނަން އޮވެ، މިހާރު ދައުވާ ކުރަން ފޮނުވާފައިވާ ޒުވާނުންގެ ވަޒީރު އަހުމަދު މަހްލޫފްގެ މައްސަލަ ލަސްވުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، ތަހުގީގަށް ބަޔާނެއް ނަގަންވާފައިވަނީ އުސޫލުތަކާއި އެއްގޮތަށް ނޫންކަން ފާހަގަކުރައްވާ މަހްލޫފް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.
މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ.
އޭގައި ސާފު ކުރަން ހުރި އިތުރު ކަންކަން ހުރުމުން އެ މަހުގެ 18 ވަނަ ދުވަހު އޭސީސީގައި ޕީޖީން އެދިފައި ވެއެވެ. އެ ކަންކަން ސާފުކޮށް ހުރިހާ ލިޔެކިއުމެއް ޖޫން މަހުގެ 27 ގައި ފޮނުވި އެވެ.
އެކަމަކު ޕީޖީން ވިދާޅުވަނީ އަދިވެސް ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް